ދިވެހިރާއްޖެ އާއި އިންޑިއާގެ އެކުވެރިކަން ބިނާވެފައިވަނީ ހަރުދަނާ ގުޅުންތަކާއި ސާބިތު ބައިވެރިވުންތަކުގެ މައްޗަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނުގެ ޝަރަފުގައި ރޭ ބޭއްވި ފުރަމާނަ ޖާފަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހިރާއްޖެ އާއި އިންޑިއާގެ 60 އަހަރުވީ ހާރިޖީ ގުޅުމަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ 2 ގައުމުން ހިއްސާކުރާ ތާރީހާއި 2 ގައުމުގެ ސާބިތު ބައިވެރިވުންތަކަށް އިޝާރާތްކުރައްވާފައެވެ.

އެގޮތުން 2 ގައުމެއްގެ ގުޅުމުގެ ހުދޫދަކީ ހަމައެކަނި ހާރިޖީ ގުޅުންތައް ނޫންކަމަށާއި ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން މޫލާފައިވަނީ އެތައް ގަރުނެއް ކުރީއްސުރެ ގާއިމުވެ ބަދަހިވަމުންގޮސްފައިވާ އެކުވެރިކަމުގެ ތެރެއިން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އިންޑިއާ ކަނޑަކީ މި ގުޅުމުގެ ދިރުންހުރި ދަލީލެއްކަމަށް ވިދާޅުވެ، ވިޔަފާރީގެ ބައިވެރިންގެ ގޮތުގައި އަދި އަވައްޓެރީންގެ ގޮތުގައި 2 ގައުމުން ބިނާކޮށްފައިވަނީ ކަނޑާނުލެވޭ ފަދަ ވަރުގަދަ ގުޅުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ސަރުކާރުގެ އަޒުމަކީ ޝާމިލު އަދި ދިރުންހުރި އިގްތިސޯދެއް ބިނާކުރުމާއެކު ޒުވާނުން ބާރުވެރިކޮށް، ސަރަހައްދީ ގޮތުން އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ. އަދި އެ ޢަމާޒަށް ވާސިލުވުމުގައި އިންޑިއާގެ އެހީތެރިކަމުގެ ބޭނުން ބޮޑުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މޯދީ ދެއްކެވި ވާހަކަފުޅުގައި އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރާއި 2 ގައުމުގެ ދެމެދުގައިވާ ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވެވިއެވެ. އަދި 2 ގައުމުގެ ސަގާފީ ގުޅުންތަކުން އެތައް ޖީލެއް މުއްސަނދިކޮށްދީފައިވާކަމަށް ވިދާޅުވެ، ފަރުދީ ފެންވަރެއްގައި 2 ގައުމުގެ ގުޅުން ބަދަހިކޮށްދެނީ ހިއްސާކުރާ ތަރިކަތަކުންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.