ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިފަދައިން ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖަށް ދެއްވި ޖަވާބުގައެވެ.
މުއިއްޒު ފޮނުއްވި ހޫނު މަރުހަބާއާއި ހެޔޮއެދުންތަކަށްޓަކައި ޝުކުރު ދެންނެވުމަށް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މޯދީ ވަނީ ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، އިންޑިއާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ބޮޑުވަޒީރު މޯދީއަކީ 2014 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެމަނިކުފާނު މިހާރު ފުރައްވަމުން ގެންދަވަނީ ވިދިވިދިގެން ތިންވަނަ ދައުރެވެ. މޯދީއަށް މި ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީއާ ގުޅިގެން ރައީސް މުއިއްޒުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންވެސް ގެންދަވަނީ އެމަނިކުފާނަށް މަރުހަބާގެ މެސެޖުތައް ފޮނުއްވަމުންނެވެ.
މޯދީގެ ކުރިން، އިންޑިއާގައި އެންމެ ގިނަ ދުވަސްވަންދެން ބޮޑުވަޒީރުކަން ކުރެއްވީ އެ ގައުމުގެ ފުރަތަމަ ބޮޑުވަޒީރު ޖަވަރުލާލް ނެހްރޫއެވެ. އެގޮތުން ނެހްރޫ އަވަހާރަވުމާ ހަމައަށް 4،398 ދުވަހު ބޮޑުވަޒީރުކަން ކުރައްވާފައި ވެއެވެ.
މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް މޯދީ އަށް ކުޑައިމީސްކޮށް ވާހަކަ ދެއްކުމުގެ ސަބަބުން ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ. އެ މައްސަލާގައި ރާއްޖެއާ ދެކޮޅަށް އިންޑިއާގައި އެންޓި ކެމްޕޭނެއްވެސް ހިންގި އެވެ.
އެކަމަކު ފަހުން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް މުއިއްޒު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވައި މޯދީއާ އެކު ރަސްމީ މަޝްވަރާތައްވެސް ބާއްވާފައި ވެއެވެ. އޭގެ ފަހުން ދެ ގައުމުގެ އިސްވެރިން ގެންދަވަނީ ދޭތެރެ ދޭތެރެއިން ބައްދަލުކުރައްވަމުންނެވެ. އަދި އިންޑިއާއިން ވަނީ ރާއްޖެއަށް އެކި ކަންކަންކަމުގައި އެހީވެސް ދެމުންނެވެ.
