އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖެއަށް ހަދިޔާކުރި މީސްލްސް ރުބެއްލާ ވެކްސިން އަދި މެޑިކަލް ކޮންސިއުމަބަލްސް، ހެލްތް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވުނު މި ރަސްމިއްޔާތުގައި، އިންޑިއާ ސަރުކާރުގެ ފަރާތުން މި ތަކެތި ރަސްމީކޮށް ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ޖީ. ބަލަސުބްރަމާނިއަމްއެވެ. މި ތަކެއްޗާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ހެލްތް މިނިސްޓަރު ގީލާ އަލީއެވެ.

އިންޑިއާއިން މިއަދު ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ އެމްއާރް ވެކްސިންގެ އިތުރުން ހިމަބިހި (މީސްލްސް) ޓެސްޓުކުރުމަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސްއެވެ. މި ތަކެއްޗަކީ މިދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލްކޮށް، ބަލިން ރައްކާތެރިވުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ތަކެއްޗެއް ކަމަށް ހެލްތު މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ގީލާ ވަނީ، އިންޑިއާ ސަރުކާރުން ފޯރުކޮށްދިން މި ދީލަތި އެހީތެރިކަން ފާހަގަކުރައްވައި، އިންޑިއާ ސަރުކާރަށާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި މިކަމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވެދެއްވި އެހީތެރިކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖެއަށް ދިމާވާ އެކި އެކި ކަންކަމުގައާއި ހާއްސަކޮށް ސިއްހީ ދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކުގައި، އިންޑިއާ ސަރުކާރުގެ ފަރާތުން އަބަދުވެސް ދިވެހިރާއްޖެއަށް އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާކަން ފާހަގަކުރައްވައި، މިނިސްޓަރު ވަނީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި އެހީއަކީ ރާއްޖޭގެ ޢާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، މިހާރު ފެތުރެމުންދާ ބަލިތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.