ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މާދަމާ ރޭ މާލެ ވަށައި 19 ސަރަހައްދަކުން ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ކަނޑުގެ 16 ސަރަހައްދަކާއި އެއާޕޯޓު ކައިރިން ތިން ސަރަހައްދެއްގައި މާދަމާ ރޭ ހަވާ އަރުވާނެ ކަމަށާއި ހަވާ އަރުވާނީ 6 މިނެޓުގެ ވަގުތަކަށް ކަމަށެވެ. އެގޮތުން މާދަމާ ރޭ ހަވާ އަރުވަން ފަށާނީ 8:30 ގައެވެ.
ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރުން ފާހަގަ ކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ގައިމް ކުރި އާ ޓާމިނަލް ހުލުވަން ނިންމާފައިވާ އިރު، މި ހަފްލާގައި އަރުވާ ހަވާ އަކީ ތާރީހީ ހަވައަކަށް ވާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. މީގެ އިތުރުން ޑްރޯން ޝޯއެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މާލެ ވަށައިގެން ހަވާ އަރުވަން ހަމަޖައްސާފައި ވާއިރު މިއީ މިހާތަނަށް ރާއްޖޭގައި މިހާ ބޮޑު ސަރަހައްދެއްގައި ހަވާ އަރުވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިފަދައިން އެންމެ ބޮޑު ހަވާއެއް އަރުވާފައި ވަނީ ސިނަމާލެ ބްރިޖު ހުޅުވުމަށް އޮގަސްޓް 30، 2018 ގައި ބޭއްވި ރަސްމިއްޔާތުގައެވެ.