އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންފިއެވެ.

މޯދީ ރާއްޖެ ވަޑައިގެންނެވުމާއެކު މަރުހަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި މަރުހަބާ ދެންނެވުމަށް ރާއްޖޭގެ ބައެއް ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މޯދީއަށް ބަޑީގެ ސަލާމެއް ދެއްވާފައިވާއިރު ރަސްމީކޮށް މޯދީއަށް މަރުހަނާ ދެންނެވުން އޮންނާނީ މިއަދު މެންދުރ ޖުމްހޫރީ މައިދާނުގަ އެވެ.

މޯދީ ރާއްޖެވަޑައިގެންފައި މި ވަނީ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ދައުވަތަކަށެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށްވާއިރު މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ގުޅިގެން ކުރިއަށްގެންދާ ބައެއް މަޝްރޫއުތައް ރަސްމީކޮށް އިފުތިތާހުކުރަން ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ވެސް އެމްޑީޕީގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވަން ހަމަޖެހިފައިވާކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތު ވަނީ ލިބިފައެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގަތީ އިންޑިއާ އައުޓު ކެމްޕޭނު ހިންގައި، އެ ކެމްޕޭނުގެ ތެރެއިން ކަމަށްވާއިރު އެ ހަރަކާތުގައި މި ސަރުކާރުގެ އިސްވެރިން އޭރު ބައިވެރިވެފައި ވެއެވެ. އަދި ހަމަ އެހެންމެ އެމަނކިުފާނު ޗައިނާއަށް ކުރެއްވި ދަތުރަށް ފަހު ރާއްޖެ ވަޑައިގެން އިންޑިއާއަށް ނިސްބަތް ކުރައްވާ ވާހަކަ ކުޑަމީސްކޮށް ދައްކަވާފައިވާއިރު މި ސަރުކާރުގެ ކުރީގެ ތިން ނައިބު ވަޒީރަކު ވެސް އިންޑިއާއާ ދެކޮޅަށް ބަސް ބުނެފައެވެ. އެއާއެކު ދެ ގައުމުގެ ގުޅުން ހީނަރުވެ އެކަމުގެ އަސަރު ފަތުރުވެރިކަމަށް ވެސް ކުރިއެވެ.

ނަމަވެސް ފަހުން އިންޑިއާއާ އެކު އޮތް ގުޅުން ރަނގަޅުކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މިދިޔަ އަހަރު ތިންވަނަ ދައުރަކަށް މޯދީ ހުވައިކުރެއްވި ރަސްމިއްޔާތަށް ވެސް ރައީސް އިންޑިއާއަށް ވަޑައިގަތެވެ. އަދި އޭގެ ފަހުން ވެސް ރައީސް ވަނި އިންޑިއާއަށް ޒިޔާރަތް ކުރައްވާފައެވެ.

މޯދީ އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށެވެ.