ބިޔަ ބޮޑު އުޅަނދެއް ދިގު ރާސްތާއަކަށް ދަތުރުކުރާއިރު، އެ އުޅަނދުގެ މިސްރާބު ހިފަހައްޓައިދޭ މައިގަނޑު ބާރަކީ އޭގެ ކައްޕިތާނެވެ. ހަމަ މިފަދައިން، ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައި އޮތް އިންޑިއާގެ ސިޔާސީ މައިދާނުގައި ފާއިތުވި 12 އަހަރު ދުވަހުގެ ތެރޭގައި އެންމެ ނުފޫޒުގަދަ އަދި މައިގަނޑު އެއް ތަނބެއްގެ ގޮތުގައި ހުންނެވީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ "އޯގަނައިޒާ" އިން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، 2014 ވަނަ އަހަރުން ފެށިގެން މޯދީގެ ވެރިކަމުގައި އިންޑިއާގެ އެތެރޭގެ ހިންގުމަށާއި ބައިނަލްއަގުވާމީ މަސްރަހުގައި އެ ގައުމުގެ ހައިސިއްޔަތަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ސިޔާސީ މައިދާނުގައި 12 އަހަރަކީ ވަރަށް ދިގު މުއްދަތެކެވެ. މި މުއްދަތުގެ ތެރޭގައި ވިދިވިދިގެން ތިން އާންމު އިންތިހާބު ކާމިޔާބުކުރެއްވުމަކީ އާދަޔާހިލާފު ކާމިޔާބީއެއް ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިއީ ހަމައެކަނި ޕާޓީގެ އިންތިޒާމީ ވަރުގަދަކަން ނޫން ކަމަށާއި، މިއީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ މިންވަރު ދައްކައިދޭ ކަމެއް ކަމަށް އޯގަނައިޒަރ އިން ބުނެފައިވެއެވެ. މޯދީގެ ސިޔާސީ ދަތުރަކީ ހަމައެކަނި އިންތިހާބުތަކެއް ކާމިޔާބުކުރުން ނޫން ކަމަށާއި، އެއީ ތަރައްގީއާއި، ގައުމިއްޔަތާއި، ސަގާފީ އިތުބާރު އަދި ބައިނަލްއަގުވާމީ ޑިޕްލޮމެސީ އެއްކޮށްލައިގެން ކުރިއަށްގެންދާ ލީޑަޝިޕް މޮޑެލްއެއް ކަމަށް އެ ނޫހުން ސިފަކޮށްފައި ވެއެވެ.

ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި އިންޑިއާގެ އެކި ދާއިރާތަކަށް އައިސްފައިވާ ބަދަލުތައް އޯގަނައިޒަގެ ރިޕޯޓުގައި ތަފްސީލު ކޮށްދީފައި ވެއެވެ. މިގޮތުން، "ޕްރަދާން މަންތްރީ ޖަން ދަން ޔޯޖަނާ" ގެ ދަށުން އެތައް މިލިއަން ރައްޔިތުންނެއް ރަސްމީ ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމާއި، ސީދާ ރައްޔިތުންނަށް ފައިސާ ޖަމާކޮށްދޭ ނިޒާމު (ޑައިރެކްޓް ބެނެފިޓް ޓްރާންސްފާ) ގެ ސަބަބުން ދެފުށްފެންނަ މިންވަރު އިތުރުވެ، ފައިސާ ގެއްލޭ މިންވަރު މަދުވިކަން ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން، "ޑިޖިޓަލް އިންޑިއާ" ޕްރޮގްރާމްގެ ދަށުން ޓެކްނޮލޮޖީގެ ބޭނުންކުރުން އިތުރުކޮށްފައި ވާއިރު، "ސްވަޗް ބާރަތު މިޝަން" ގެ ދަށުން ސާފުތާހިރުކަމަކީ މުޅި ގައުމުގައި ކުރިއަށްގެންދާ ބޮޑު ހަރަކާތަކަށް ވަނީ ބަދަލުކޮށްފައެވެ. އަދި "އުޖްވާލާ ޔޯޖަނާ" އާއި "އާޔުޝްމާން ބާރަތު" ފަދަ ސްކީމްތަކުގެ ސަބަބުން އެތައް މިލިއަން އާއިލާއަކަށް އަސާސީ ހިދުމަތްތައް ލިބުން ފަސޭހަވެގެންދިޔަ ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

އިގުތިސާދީ ގޮތުން ބަލާއިރު، އިންޑިއާ ވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިގުތިސާދުތަކުގެ ތެރޭގައި ހިމެނިފައެވެ. ހާއްސަކޮށް ޑިޖިޓަލް ޕޭމަންޓް ނިޒާމު ކަމަށްވާ "ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް" (ޔޫޕީއައި) ގެ ކާމިޔާބީއާއި، ސްޓާޓްއަޕް ވިޔަފާރިތައް ފުޅާވުމުގެ ސަބަބުން، ޓެކްނޮލޮޖީގެ އީޖާދުތަކުގައި އިންޑިއާ ވަނީ ދުނިޔެއަށް ނަމޫނާއަކަށް ވެފައި ކަމަށް އޯގަނައިޒަރ އިން ބުނެއެވެ. މިއަދު ގިނަ ގައުމުތަކުން އިންޑިއާގެ ޑިޖިޓަލް ގަވަރނަންސް އޮނިގަނޑު ދިރާސާކުރަމުންދަނީ އާންމު ހިދުމަތްތައް ފޯރުކޮށްދިނުމުގެ ކާމިޔާބު ނަމޫނާއެއްގެ ގޮތުގައި ކަމަށްވެސް އެ ނޫހުން ފާހަގަކޮށްފައި ވެއެވެ.

ހާރިޖީ ސިޔާސަތުގެ ދާއިރާއިން އިންޑިއާގެ ދައުރު ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. އޯގަނައިޒަރ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މޯދީގެ ވެރިކަމުގައި އެމެރިކާ، ރަޝިއާ، ފްރާންސް، ޖަޕާން، އޮސްޓްރޭލިއާ އަދި މެދުއިރުމައްޗާއި އެފްރިކާގެ ގައުމުތަކާއެކު އޮންނަ ގުޅުން ވަނީ ވަރުގަދަކޮށްފައެވެ. އިންޑިއާއިން ޖީ20 ގެ ރިޔާސަތު ބެލެހެއްޓިއިރު، ދުނިޔޭގެ ކުރިއަރަމުން އަންނަ ގައުމުތައް (ގްލޯބަލް ސައުތު) ގެ ކަންބޮޑުވުންތަކާއި އުންމީދުތައް ފާޅުކުރުމާއެކު، ދުނިޔޭގެ ބޮޑެތި އިގުތިސާދުތަކާއެކު މުއާމަލާތްކުރުމުގެ ގާބިލުކަން އިންޑިއާއިން ދައްކުވައިދިން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. މިއަދު އިންޑިއާއަކީ ހަމައެކަނި ތަރައްގީވަމުން އަންނަ ގައުމެއް ނޫން ކަމަށާއި، އެއީ ބައިނަލްއަގުވާމީ މައްސަލަތަކުގައި ބަސްބުނުމުގެ ބާރު އޮތް، ކުރިއަރަމުން އަންނަ ބައިނަލްއަގުވާމީ ބާރެއް ކަމަށް ގިނަ ބަޔަކު ދެކޭ ކަމަށް އެ ނޫހުން ފާހަގަކޮށްފައި ވެއެވެ.

ފާއިތުވި 12 އަހަރުގެ ތެރޭގައި އިންޑިއާގެ ސަގާފީ ތަރިކައާއި އައިޑެންޓިޓީއަށް ވެސް ބޮޑު ސަމާލުކަމެއް ދީފައިވާ ކަމަށް އޯގަނައިޒާ އިން ބުނެފައި ވެއެވެ. މިގޮތުން، ކާޝީ ވިޝްވަނާތު ދާމް އަދި މަހާކާލް ލޯކް ތަރައްގީ ކުރުމާއި، އަޔޯދިޔާގައި ރާމް މަންދިރު ބިނާކުރުމުގެ އިތުރުން އާ ޕާލަމެންޓް އިމާރާތް ހުޅުވުން ފަދަ މަޝްރޫއުތަކަކީ، ޒަމާނީ އިންޑިއާ އޭގެ ތާރީހީ އަދި ސަގާފީ ބިންގަލާ ގުޅުވާލުމަށް ކުރެވުނު މަސައްކަތްތަކެއް ކަމަށް އެ ރިޕޯޓުގައި ސިފަކޮށްފައި ވެއެވެ.

މޯދީގެ ސިޔާސީ އެންމެ ހާއްސަ އެއް ސިފައަކީ އޭނާގެ ކެތްތެރިކަމާއި ދުރު ރާސްތާއަށް ވިސްނަވައިގެން ކަންކަން ރޭއްވެވުން ކަމަށް އޯގަނައިޒާ އިން ފާހަގަކޮށްފައި ވެއެވެ. އިދިކޮޅު ފަރާތްތަކުން ކުރު މުއްދަތުގެ ހަރަކާތްތަކަށް ބަރޯސާވާއިރު، މޯދީ އަބަދުވެސް އިސްކަންދެއްވަނީ ރައްޔިތުންނާ ސީދާ ގުޅުން ބޭއްވުމަށާއި، ޕާޓީގެ އިންތިޒާމުތައް ފުޅާކުރުމަށް ކަމަށް އެ ނޫހުން ބުނެފައިވެއެވެ. ޑިމޮކްރެޓިކް ކޮންމެ ސަރުކާރަކަށްވެސް ފާޑުކިޔުންތައް އަމާޒުވާނެކަން ގަބޫލުކުރަމުން، އޯގަނައިޒަރ އިން ބުނެފައިވަނީ އިންޑިއާގެ ރައްޔިތުން ވޯޓުފޮށިން އެމީހުންގެ ނިންމުން ތަކުރާރުކޮށް ދައްކައިދީފައިވާ ކަމަށެވެ. 12 އަހަރަށްފަހުވެސް، އިންތިހާބުތަކާއި ގައުމީ ބަހުސްތަކުގެ މައިގަނޑު ނާރެހަކީ ނަރެންދުރަ މޯދީ ކަމަށާއި، މިއީ އިންޑިއާގެ ޑިމޮކްރެޓިކް ދަތުރުގައި އޭނާގެ ނުފޫޒު އޮތް މިންވަރު ދައްކައިދޭ ކަމެއް ކަމަށް އެ ރިޕޯޓުގައި ނިންމާލަމުން ބުނެފައިވެއެވެ.