ހުޅުމާލޭގައި ހުންނަ ވިނަރެސް ފްލެޓްސްގެ ޓަވަރަކުން މީހަކު ވެއްޓި އަނިޔާވެއްޖެއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ވަނީ ހުޅުމާލެެ ފޭސް 2 ގެ ވިނަރެސް ޓަވަރު 8 އިން މީހަކު ވެއްޓުނު ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެއާއެކު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާން ފަށާފައިވާ ކަމުގައި ބުނެފައެވެ. ފުލުހުން ބުނީ މި ހާދިސާގައި ވެއްޓިފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ ވެއްޓުނު މީހާ މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނުވަތަ ވެއްޓުނު މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް މިހާތަނަށް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.
މި ހާދިސާއާއި ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހާ ވެއްޓިފައިވަނީ ޗާންދަލިއާ ބުކްޝޮޕް ކުރިމައްޗަށެވެ. އެއާއެކު ފުލުހަކާއި އާންމު ފަރާތެއް އެ މީހާ ކައިރީ ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިފަދަ ހާދިސާތައް މީގެކުރިންވެސް ހިނގާފައި އެބަހުއްޓެވެ. އެގޮތުން މިދިޔަ މަހުވެސް ވަނީ މާލޭ ގެއެއްގެ 2 ވަނަ ފަންގިފިލާއިން އުމުރުން 42 އަހަރުގެ ދިވެހި އަންހެނަކު ވެއްޓި އަނިޔާތަކެއް ވެފައެވެ. މި ހާދިސާގައި އަންހެން މީހާގެ 2 ފައިގެ ކުޑަހުޅުން ނެއްޓި "އޮޕެން ފްރަކްޗާ"ވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.