ކުރިއަށް އޮތީ މޫސުން ގޯސް ދުވަސްތަކެއް ކަމަށް މޫސުމާއި ބޭހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ނެރުނު އިންޒާރެއްގައި ބުނީ، ޖުލައި 17 އިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭ ސަރަހައްދަށް ހުޅަނގުމޫސުމުގެ ބާރުގަދަވާނެ ކަމަށާއި، އަދި ވައި ބާރުވެ ކަނޑުތައް ގަދަވެ އަދި ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މި ދުވަސްތަކުގައި ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވެ، ކަނޑުތަކާއި ހާއްސަކޮށް ކަނޑުއޮޅިތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް އެ އިންޒާރުގައި ބުނެފައި ވެއެވެ. އަދި ބޮޑުބަޔަކަށް ވިއްސާރަކުރުމާއިއެކު ގުގުރާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑީތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް އަދި ހާއްސަކޮށް ދަތުރުވެރިން މޫސުމާއިބެހޭ އެންމެފަހުގެ މައުލޫމާތު އަދާހަމަ ކުރުމާއިއެކު މޫސުމަށް ސަމާލު ވުމަށް އިލްތިމާސްކޮށްފައި ވެއެވެ.
މިހާރު ރާއްޖެއަށް މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށްވާއިރު ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުން ހުޅަނގު މޫސުން މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ދެމިގެންދާނެއެވެ.
މޫސުން ގޯސްވެ، ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ދާދި ފަހުން ވެސް ވަނީ ހިނގާފައެވެ. އެގޮތުން ބައެއް އޮޑި ދޯނި ފަހަރަށް ގެއްލުން ލިބި އެކި މީހުން ކަނޑުވެ ގެއްލިފައި ވެސް އެބަހުއްޓެވެ. މީގެ އިތުރުން މަގުތައް މަތީ ފެންބޮޑުވެ އެކި ގޭބީސީތަކަށް އޭގެ އަސަރުކޮށްފައި ވެއެވެ. އެހެން ކަމުން މިކަންކަމަށް ކަމާ ގުޅޭ އިދާރާތަކުން ވެސް ވަނީ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.