ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް އާއެކު ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ފަސިންޖަރުންނަށް ލިބޭނެ ކަމަށް އެއާލައިންތަކުން ބުނެފިއެވެ.

ވީއައިއޭގެ މި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން އިއްޔެ ކުރިއަށް ގެންދިޔަ ޓްރަޔަލްގައި އެއާލައިންތަކުން ބައިވެރިކޮށް، މުޅި ޕްރޮސެސް ކުރިއަށްދާ ގޮތް އެމްއޭސީއެލްއިން ވަނީ ދައްކާލައިފައެވެ.

އެ ޓްރަޔަލްގައި ފަސިންޖަރުގެ ޗެކިން މަރުހަލާއާއި ފަސިންޖަރުން ދަތުރުކުރާ މަގުތަކާއި ބެގޭޖް ހޭންޑްލިން ސިސްޓަމާއި ފަސިންޖަރުންގެ ބޯޑިން ޕްރޮސެސް ކުރިއަށްދާ ގޮތުގެ ޓްރަޔަލްއެއް އެމްއޭސީއެލްއިން ކުރިއަށް ގެންގޮސްފައިވެއެވެ.

އޭގެ އިތުރުން އެރައިވަލް ފަސިންޖަރުން ޓާމިނަލަށް ވަދެގެން ދާގީނާ ނެގުމާއި ހަމައަށްދާނެ މަގުތަކުގެ ޓްރަޔަލްއެއްވެސް ކުރިއަށް ގެންދިޔައެވެ. އަދި ޓްރަޔަލް ވިލަރެސްކުރުމަށްޓަކައި ރާއްޖެއަށް އޮޕަރޭޓްކުރާ އެއާލައިންތަކުންނާއި ޓްރެވެލް އޭޖެންޓުން ވަނީ ބައިވެރިވެފައެވެ.

ޓްރަޔަލްއަށްފަހު ވާހަކަ ދައްކަވަމުން އެއާލައިން އޮޕަރޭޓާސް ކޮމިޓީގެ ޗެއާމަން އަދި އިއްތިހާދު އެއާލައިންގެ އެއާޕޯޓް މެނޭޖަރު މުނާޒު އަލީ ވިދާޅުވީ އެއާލައިންތަކުން އެންމެ ބޭނުންވާ ކަމަކީ ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ރާއްޖޭގައި ލިބުން ކަމަށެވެ. އާ ޓާމިނަލް އާއެކު ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ރާއްޖޭގައި ލިބިގެންދާނެ ކަމަށާއި އެކަމަށްޓަކައި އެއާލައިންތަކުން ތިބީ ވަރަށް އުފަލުން ކަމަށްވެސް މުނާޒު ވިދާޅުވިއެވެ.

އާ ޓާމިނަލްއާއެކު ދިވެހިރާއްޖެ ރާއްޖޭގެ ގޮތުގައި ރާއްޖެ އަންނަ ފަސިންޖަރުންނަށް ފެނިގެންދާނެ ކަމަށް އެއާލައިން އޮޕަރޭޓާސް ކޮމިޓީގެ ވައިސް ޗެއާމަން އަދި ގަތަރު އެއާވޭސްގެ އެއާޕޯޓް ސާވިސް މެނޭޖަރު އަހުމަދު ނަހުޝަން ނިޒާރު ވިދާޅުވިއެވެ.

މެލޭޝިއަން އެއާލައިން ސްޓޭޝަން މެނޭޖަރު އަހުމަދު ހަނަމް ފާއިޒު ވިދާޅުވީ އާ ޓާމިނަލްގެ ފުރިހަމަ ބޭނުން ހުރިހާ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް އެމްއޭސީއެލް އިން މަގުފަހިކޮށްދީފައިވާ ކަމަށެވެ. އަދި އާ ޓާމިނަލްއަކީ ފުރިހަމަ، ރީތި އަދި ފަސިންޖަރުންނާ ރަހުމަތްތެރި، ޒަމާނީ ޓާމިނަލް އަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޕަސިންޖާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް އެމްއޭސީއެލްއިން ވަމުން އަންނައިރު، އާ ޓާމިނަލާއެކު ޕަސިންޖަރުންނަށް ޒަމާނީ ގިނަ ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.