ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ރާއްޖޭގެ ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންނަށް ދައުވަތު ދޭން ނިންމައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ހުރިހާ ރައީސުންނަށް ދައުވަތު ދޭން ނިންމާފައިވާ ކަމަށާއި، އަދި ދައުވަތު ދިނުމަށް ނިންމާފައިވަނީ ކޮންމެ ރައީސަކަށް ވަކިން ކަމަށް ބުނެފައެވެ.

މި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ނިންމާފައިވާ ވީއައިއޭގެ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ރައީސުންގެ އިތުރުން އެމްއޭސީއެލްގެ ކުރީގެ ވެރިންނާއި ބޯޑުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށްވެސް ދައުވަތު ދިނުމަށް ނިންމާފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

މި ޓާމިނަލްގެ އޮޕަރޭޝަން ފެށުމުން ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން ރައީސް ވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އާ ޓާމިނަލް ހުޅުވުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ހަލުވި ދުވެލީގައި ކުރިއަށް ދާކަމަށާއި، އެއާޕޯޓްގެ ތަރައްގީއަށްޓަކައި އެކި ދުވަސްވަރު އެކި ވެރިން ތިއްބަވައިގެން ގެނެސްދެއްވި ކުރިއެރުންތަކުގެ ހައްގު ތައުރީފު އެ ބޭބޭފުޅުންނަށް ދެއްވަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

މި އެއާޕޯޓަކީ ދިވެހި އިގްތިސޯދުގެ އެންމެ މުހިންމު އެސެޓް ކަމަށާއި އެތަނަށް އަންނަ ކޮންމެ ކުރިއެރުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބޭ ކުރިއެރުމެއް ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އާ ޓާމިނަލްގެ މަސައްކަތް ނިންމުމަށްޓަކައި މި ސަރުކާރުން ވަނީ ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު އަދި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް އިން 80 މިލިއަން ޑޮލަރު ހަމަޖައްސާފައެވެ. އެއާއެކު މި މަޝްރޫއަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު ވަނީ ހޭދަވެފައެވެ.

ވީއައިއޭގެ މަޝްރޫއު ފަށާފައިވަނީ ރައީސް ޔާމީނުގެ ސަރުކާރުގައި ނަމަވެސް މަޝްރޫއު މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވިދާޅުވާ ގޮތުގައި މަޝްރޫއުގެ މަސައްކަތް ހަލުވި ކޮށް ނިންމާލާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބުރަ މަސައްކަތްޕުޅުންނެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ، އެ ޕްރޮޖެކްޓުގެ ބޮޑު ބައި ނިންމީ އިބޫގެ ސަރުކާރުގައި ކަމުގައި ވިދާޅުވެފައެވެ.