ފަންނާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، 25 މިލިއަން ރުފިޔާ ދިނުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށާއި އަންނަ މަހުން ފެށިގެން ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.
"އަހާ“ ފޯރަމްގައި މިނިސްޓަރު ވިދާޅުވީ ފަންނުވެރިންނަށް މާލީ އެހީތެރިކަން ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. ފަންނުވެރިންނަށް މާލީ އެހީތެރިކަން ދިނުމަށް ބޭނުންވާ އުސޫލުތައް މިހާރު އެކުލަވާލާފައިވާކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި އުސޫލުތައް ހެދުމުގައި ފަންނުވެރިންގެ ލަފަޔާއި އެ ފަރާތްތަކުގެ ހިޔާލު ހޯދާފައިވާކަމަށެވެ. އަދި މިހާރު އެކަމުގެ ގަވާއިދުތައް އެކުލަވާލަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ މާލީ އެހީތެރިކަން ބޭނުންވާ ފަންނުވެރިން އެކަމަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދެވޭނެކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ފަންނުވެރިންނަށް ހާއްސަކޮށްގެން ހަދާ ޕްރޮޑަކްޝަން ހައުސްގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަނުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީއެ ތަނުގެ މެނޭޖިން ޑިރެކްޓަރު އަދި މެނޭޖްމެންޓާއިއެކު ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި އަހަރުގެ ތެރޭގައި އެތަން ހުޅުވާ އާޓިސްޓުންނަށް އެ ތަނުގެ ބޭނުން ހިފޭނެ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ފޯރަމްގައި މިނިސްޓަރު ވަނީ ޒަމާނީ ފެންވަރު ސިނަމާއެއް ގާއިމްކުރުމަށް ބޭރުގެ އިންވެސްޓަރުންނާއިއެކު މަޝްވަރާކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. މިހާރު ފިލްމުދައްކަމުން އަންނަ އޮލިމްޕަހަކީ ކިރިޔާ ނުގޮވާ އިން ބޮމެއްގެ ގޮތުގައި ސިފަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހުރި ސިނަމާއަކީ ތިއޭޓަރެއް ކަމަށެވެ. އަދި މީގެ ކުރިން އެއްވެސް ވެރިއަކު އެތަން ތަރައްގީކުރުމަށް މާބޮޑު މަސައްކަތްތަކެއް ކޮށްފައިނުވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އޮލިމްޕަސް ބަންދުނުކޮށް އެހެންތަނެއްގައި ސިނަމާއެއް އަޅަންޖެހޭ ކަމަށެވެ.