ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ހާއްސަ ހަރަކާތްތަކެއް މިއަދު ހުޅުމާލޭގައި ފަށަން ތައްޔާރުވަމުންދާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓްރީން ބުނެފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތްތައް އޮންނާނީ މިއަދުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ހަރަކާތްތައް ކޮންމެ ދުވަހަކުވެސް ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އެއީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.

"ކޮމިއުނިޓީ ހޭންގްއައުޓް" އެއްގެ ގޮތުގައި ފަރުމާކޮށްފައިވާ މި އިވެންޓުގައި ޒުވާނުންނާ ގުޅޭ ތަފާތު ގިނަ ހަރަކާތްތަކެއް ހިމެނޭނެކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި ކާބޯތަކެތީގެ ލޯކަލް ސްޓޯލްތަކާއި، މުނިފޫހިފިލުވުމުގެ މަޖާ ގޭމްތަކުގެ އިތުރުން ލައިވް ކްރިއޭޓިވް ޕާފޯމަންސްތައް ހިމެނެއެވެ.

މި އިވެންޓުގެ ތެރެއިން ޒުވާނުން ގައުމީ ސަޕޯޓް ނެޓްވޯކްތަކާ ގުޅުވައިދިނުމަށްޓަކައި ޔޫތު މިނިސްޓްރީގެ ހާއްސަ އިންފޮމޭޝަން ބޫތެއް ގާއިމުކުރުމަށްވެސް ވަނީ ނިންމާފައެވެ. މި ބޫތު މެދުވެރިކޮށް ކުރިއަށް އޮތް ގައުމީ ޒުވާނުންގެ ޕްރޮގްރާމްތަކާއި، ޒުވާނުންނަށް ދޫކުރާ ގްރާންޓްތަކާއި، ފިޓްނަސް އިނީޝިއޭޓިވްތަކާ ބެހޭ ފުރިހަމަ މައުލޫމާތު ލިބިގެންދާނެއެވެ.

މި ބޮޑު ހަރަކާތަކީ ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މީގެ ތެރޭގައި އެޗްޑީސީ، ބޭންކް އޮފް މޯލްޑިވްސް، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)، އުރީދޫ، ދިރާގު، ގޭމާސް ގިލްޑް، ސްޓެލްކޯ، ވެމްކޯ، ހުޅުމާލެ ހޮސްޕިޓަލް، އެކޯ އިވެންޓްސް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އަދި އެޑްވެންޗާ އަޕް އެމްވީ ހިމެނެއެވެ.

ޒުވާނުންގެ ދުވަހުގެ މި ހަރަކާތްތަކަށް ޒިޔާރަތްކޮށް، ވަގުތު ހޭދަކުރުމަށް ހުރިހާ ޒުވާނުންނަށާއި، އާއިލާތަކުގެ އިތުރުން އުފެއްދުންތެރިންނަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓްރީން ވަނީ ދައުވަތު އަރުވާފައެވެ.