މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުލް ލަތީފް އަހުމަދު (އުދަރެސް ލަތީފް) ކުއްލި ގޮތަކަށް އެ މަގާމުން ވަކިކުރައްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ލަތީފް މަގާމުން ވަކިކުރިކަން އޭނާއަށް އަންގާފައިވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ މަގާމުން ވަކި ކުރެއްވި ސަބަބެއް ސަރުކާރުންނާއި ރައީސް އޮފީހުން މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

އަބްދުލްލަތީފަކީ ސަރުކާރުގެ ސިޔާސަތުތަކާއި ރައީސް މުއިއްޒުގެ އަމާޒުތައް ޕްރޮމޯޓްކުރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން އަންނަ ބޭފުޅެކެވެ. އޭނާ އެންމެ ފުރަތަމަ ހުންނެވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.

ނަމަވެސް ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު ޒުވާނުންނާއި ކުޅިވަރާ ބެހޭ ކަންކަން ވަކި ވުޒާރާއަކަށް ބަދަލުކުރުމުން އޭނާ ބަދަލުކުރެވުނީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމްގެ ވެރިކަމުގައި އޭނާ ވަނީ ކްލެމެންސީ ބޯޑުގެ މެންބަރުކަން ވެސް ކުރައްވާފައެވެ.

ލަތީފް މަގާމުން ވަކިކުރައްވާފައި މިވަނީ ދާހިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ފައިރޫޝް ވެސް ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.