ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި ޔޫސުފް އަލްސަން މުހައްމަދުގެ ޖަނާޒާ ބާއްވައިފިއެވެ.
މާފަންނު ބަސް ޓާމިނަލް ކައިރީ އެކްސިޑެންޓް ހިނގީ، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަސް މަތިން ހުރަސް ކުރި މީހެއްގެ ގައިގައި ޖެހިގެންނެވެ. އަދި ސައިކަލު ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުން ދަތުރު ކުރި ޕިކަޕެއްގައި ޖެހި ސައިކަލު ދުއްވަން އިން މީހާ ވަނީ ވިއްސައިގެން ގޮސްފައެވެ.
އެކްސިޑެންޓުވި ސައިކަލު ދުއްވަން އިނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) ގެ ހަމައެކަނި ދަރިފުޅު އަލްސަންއެވެ. ހޮސްޕިޓަލަށް ގެންގޮސް މާގިނައިރުތަކެއް ނުވަނީސް އޭނާ ވަނީ ނިޔާވެފައެވެ.
އަލްސަންގެ ޖަނާޒާ މިއަދު އަސުރު ނަމާދަށްފަހު ބޭއްވިއިރު ގިނަ ބަޔަކު ވަނީ މޫނު ބެލުމަށާއި ޖަނާޒާގައި ބައިވެރި ވުމަށް އާސަހަރާއަށް ޒިޔާރަތްކޮށްފައެވެ.
އެގޮތުން މޫނު ބެލުމަށް ދިގު ކިއުއެއް ހަދާފައިި އޮތް އިރު ގިނަ ބަޔަކު ވަނީ ކަށު ނަމާދުގައި ވެސް ބައިވެރިވެފައެވެ. އޭގެ ތެރޭގައި އާއިލާގެ މީހުންނާއި ރަހުމަތްތެރިންގެ އިތުރުން ކުޑަކުދިންނާއި ދުވަސްވީ މީހުން ވެސް ހިމެނެއެވެ. އަދިވެސް ހެޔޮ އެދޭ ގިނަ އެތައް ބަޔަކާއެކު އާސަހަރާ ވަނީ ފުރާލާފައެވެ. އަލްސަންގެ ކުއްލި ވަކިވުމާއެކު އެންމެންގެ މޫނު މަތިން ވެސް ފެނިގެން ދިޔައީ ހިތްދަތި ކަމާއި މޮޅިވެރިކަމެވެ.
އަލްސަން ނިޔާވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވެސް ވަނީ އާއިލާއަށްތައުޒިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް އާއިލާއަށް ތައުޒިޔާ ދަންނަވާފައިވެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާ އަދި 16 އަހަރުގެ ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު 40 އަހަރުގެ މީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ. އަދި 16 އަހަރުގެ ކުއްޖާގެ ހާލު ރަނގަޅުއިރު އެ ކުއްޖާ ވަނީ ވޯޑަށް ބަދަލުކޮށްފައެވެ.
އަނިޔާވި 40 އަހަރުގެ މީހާއަކީ ކަފިހި ހުރަސްމަތިން މަގުހުރަސްކުރި މީހާއެވެ. އަދި ސައިކަލު ދުއްވާފައި ވަނީ އުމުރުން 17 އަހަރުގެ އަލްސަން ކަމަށާއި ފަހަތުގައި އިނީ 16 އަހަރުގެ ކުއްޖާއެވެ.
އެކްސިޑެންޓު ހިނގި މަންޒަރުގެ ސީސީޓީވީ ފުޓޭޖެއް ރޭ ވަނީ އާންމުވެފަ އެވެ. އޭގެން ފެންނަނީ ދުވަން ނުކުމެ އުޅުނު މީހާ ޒިބްރާ ކްރޮސްއަށް އެރި ފަހުން ސައިކަލު ބާރަށް އައިސް އޭނާގެ ގައިގައި ޖެހޭ މަންޒަރެވެ. ސައިކަލުން ނެއްޓެންވެގެން ތަންކޮޅެއް ބާރަށް ކުރިއަށްދާން އޭނާ މަސައްކަތް ކުރި އެވެ.