އއ. މާޅޮހުގައި ރަހުމްކުޑަ ގޮތަކަށް ހަމަލާދީގެން ރޭ މަރާލި، އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމް މަރާލި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުން މި މަރާއި ގުޅިގެން ފުލުހުންގެ ހާއްސަ ޓީމަކު އަންނަނީ އެ ރަށުގެ އެކި ސަރަހައްދުތައް ބަލާ ފާސްކުރަމުންނެވެ. އެގޮތުން އެ ރަށު ހުރަސް މަގާ ދިމާލުން ހޭޅިފަށް ސަރަހައްދު ބަލަމުން އަންނައިރު މި ހާދިސާއަށް ފަހު އެ ރަށަށް އަރާ ފައިބާ މީހުން މޮނީޓާކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިއްޔެ ފުލުހުން ބުނީ އަބްދުއްރަހްމާން އާދަމް މަރާލި މައްސަލައިގެ ތަހުގީގަށް ބޭނުންވަ ތަހުލީލުތައް ހެދުމަށާއި، ނިޔާވި ސަބަބު ދެނެގަންނަން ޕޯސްޓުމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާއިރު އާއިލާ އިން ވަނީ އޮޓޮޕްސީ ހެދުމުގެ ބަދަލުގައި ހަށިގަނޑު އަވަހަށް ވަޅުލާން ބޭނުންވާކަމަށް ބުނެފައެވެ.

މި ވަގުތު ރަށުގެ ހާލަތަށް ބަލާއިރު، އެންމެން ވެސް ތިބީ ޝޮކެއްގައި ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެއެވެ. އެ ރަށަކީ ޑްރަގާއި މާރާމާރީ ފަދަ މައްސަލަތަކާއި ވައްކަން ކުރުން ފަދަ ކުށްތައް މަދު ރަށެއްކަން ފާހަގަކޮށް އެ ރަށުން ވާހަކަ ދެއްކި މީހަކު ވަނީ އެ ރަށުގައި އާންމުކޮށް ގޭގޭގައި މީހުން ދޮރުތަޅުނުލާ ނިދާކަންވެސް ފާހަގަ ކޮށްފައެވެ. އަބްދުއްރަހްމާންގެ މަރުގެ ހާދިސާއާ ގުޅިގެން އެ ރަށު މީހަކު ބުނީ، އެމީހާއަކީ މީހުންނަށް ވެސް ރަނގަޅު މީހެއް ކަމަށެވެ. އަދި އަބްދުއްރަހްމާންއާ އެއްވެސް މީހަކާ މައްސަލައެއް ޖެހިފައިނުވަތަ ރުޅިވެރިކަމެއް އޮތް ކަމެއް ވެސް ނޭނގޭކަމަށެވެ.