އއ. މާޅޮހުގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ މަރާލި މައްސަލައިގައި އެރަށަށް އަރާ ފައިބާ މީހުން ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މަރާލާފައިވަނީ، އެ ރަށު އޯކިޑްމާގެ އަބްދުއްރަހްމާން އާދަމް (65އ.) ކަމަށެވެ.

ފުލުހުން ބުނީ އަބްދުއްރަހްމާން އަށް ހަމަލާދީފައިވަނީ އޭނާ ނިދާފައި އޮއްވާކަމަށާއި އޭނާ ނިޔާވެފައިވަނީ ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އަބްދުއްރަހްމާން މަރާލާފައި ވަނީ އޭނާގެ ބޮލަށް ހަމަލާދީގެންނެވެ. އޭނާގެ ބޮލަށް ދިން ހަމަލާތަކުގެ ސަބަބުން ބޮލުގެ ބޮޑުބައި ޗިސްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލައާއި ގުޅިގެން މާލެއިން ތަހުގީގު ޓީމެއް އެ ރަށަށް ގޮސްފައިވާއިރު 'ދަ ޕްރެސް'އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އެ ރަށަށް އަރާ ފޭބުން މަނާކޮށްފައިނުވާ ކަމަށާއި އެހެންނަމަވެސް ރަށަށް އަރާ ފައިބާ މީހުން މޯނީޓާކުރަމުން އަންނަކަމަށެވެ. އެހެންނަމަވެސް މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ މި ހާދިސާ އާއި ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަން ހާމަކޮށްފައެވެ.