ރާއްޖޭގެ ގުދުރަތީ ތީރިކަމާއި ޓެކްނޮލީގެ އުފެއްދުންތެރިކަމާ ގުޅި ލާމެހިގެން ދިޔަ މުހިންމު ޕެނަލް ޑިސްކަޝަނެއް ބާއްވައި އުރޫދީ އިން ދުނިޔޭގެ ރެކޯޑެއް ހަދައިފިއެވެ.

ބ. އަތޮޅު ފުޅަދޫގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ފިޝަރިޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި, އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމަދީ އާއި ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމް ބައިވެރިވެވަޑައިގަތެވެ.

އަދި އުރީދޫގެ ޓްރާންސްމިޝަން ޓީމުގެ ފަރާތުން ޝަބީން އަލީ އާއި އަފްޝީން މުހައްމަދު ބައިވެރިވެ ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަން ބާއްވާފައި ވަނީ 5 މީޓަރު އަޑީގައެވެ.

5 މީޓަރު އަޑީގައި ތިބެ ކޮންމެ ބައިވެރިއަކު 2 މިނެޓެއްހާ އިރު ވާހަކަ ދައްކަމުން ދިޔަ އިރު, އެމީހުން ދައްކަމުން ދިޔަ ވާހަކަ ކަނޑުއަޑިއަށް ހާއްސަ ހެޑްސެޓެއްގެ އެހީގައި ޓްރާންސްމިޓް ކުރަމުން ދިޔަ އިރު މާލެ އާއި ގަތަރު އަދި މުޅި ދުނިޔެއަށް އެ އަޑުތައް ލިބެމުން ދިޔައެވެ. އަދި އަހަމުން ދިޔައެވެ.

އުރީދޫން ބުނީ, އެ ހަރަކާތުގައި ބައިވެރިން ވާހަކަ ދައްކަމުން ދިޔަ އިރު އެންމެ ހިނދު ކޮޅަކަށް ވެސް އަދި އެންމެ ބަހެއްވެސް ސާފު ނުވެ ނުވަތަ މެދުކެނޑިގެން ގޮސްފައި ނުވާ ކަމަށެވެ.

"މިއީ ރިކޯޑަކަށް ވުރެވެސް ކާބޮޑު ކާމިޔާބީއެއް, މިއީ އުރީދޫގެ ނެޓްވޯކްގެ ވަރުގަދަކަން ރިއަލްޓައިމް ކޮށް ފެނިގެން ދިޔަކަމެއް, އެންމެ ބީޓެއްވެސް ކެނޑިގެން ނުގޮސް ކަނޑު އަޑީގައި ތިބެ ވީޑިއޯ ކޯލާއި ވޮއިސް ކޯލް ކޮށް ދުނިޔެއަށް އަޑުއިއްވާ ހޯދުނު ކާމިޔާބީއެއް"
ހާލިދު އަލް ހަމަދީ, ސީއީއޯ - އުރީދޫ

އުރީދޫން އިތުރަށް ބުނީ, މި ހާއްސަ ޑިސްކަޝަނަށް ބޭނުން ކުރި ޓެކްނޮލިޖީއަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ކަމަށާއި އެންމެ ނާޒުކު އަދި އެންމެ އުނދަގޫ މާހައުލުތަކުގައި ވެސް ގުޅުންތައް ގާއިމު ކޮށްދެވޭނެ ކަމުގެ ހެއްކެއް ކަމަށެވެ.

ކަނޑުއަޑިއަށް ހާއްސަ ހެދުމުގައި 5 ބައިވެރިން ޕެނަލް ޑިސްކަޝަނަށް ތައްޔާރު ކުރުމުގައާއި ޕެނަލިސްޓުން ވާހަކަ ދައްކާއިރު ގުޅިގެން ދާނެ ގޮތަށް ސިންކްރޮނައިޒް ކުރުމާއި އެއްބައިވެރިއަކާއި އަނެއް ބައިވެރިއަކު ގުޅާލަދޭ ނެޓްވޯކާއި އެ ނެޓްވޯކުގެ އެހީގައި ދުނިޔެއާ ގުޅާލަ ދިނުމަށް ކުރި އުނދަގޫ އެހަނަސް ކާމިޔާބު މަސައްކަތާއެކު އެ ޕެނަލުގެ ބައިވެރިން ދިން ދެވަނަ މެސެޖަކީ ރާއްޖޭގެ ގުދުރަތީ ދިރުމާއި ރީތިކަމަށް އޮތް ލޯބީގެ ބޮޑުކަމެވެ. އަދި ކުޑަޔަސް ބޮޑަސް އަދި ކިތަންމެ އެކަހެރިކޮށް އޮތަސް ކޮންމެ ރަށަކީ އަދި ކޮންމެ ފަރާތަކީ އުރީދޫގެ ޑިޖިޓަލް އިނޮވޭޝަންގެ ބައިވެރިއެއް ކަމެވެ.

އުރީދޫ އަކީ ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ ކުންފުނިތަކުގެ ތެރެއިން އެންމެ ކާމިޔާބު ކުންފުންޏެވެ.

މީގެ ކުރިންވެސް އިންގިލާބީ އަދި އީޖާދީ ކިތަންމެ މަސައްކަތެއް ކޮށް ގިނަ އިނާމުތަކެއް އުރީދޫން ހޯދާފައި ވެއެވެ.