ކަފިހި ހުރަހެއް މަތިން މަގުހުރަސްކުރަނިކޮށް ސައިކަލަކުން ޖެހި މީހަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ 59 އަހަރުގެ ދިވެހި އަންހެނަކަށެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ބަގީޗާ ހިނގުމުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް ކަފިހި ހުރަހަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓްވެފައިވާ މައްސަލަ މިއަދު މެންދުރުފަހު 2:16 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މީހާއަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވާފައި ވަނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް ނޯންނަ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ.

އެކްސިޑެންޓުވި ސައިކަލު ޓޯކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.