ނޮބެލް ސުލްހައިގެ އިނާމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުށަހަޅައިފިއެވެ.

އިޒްރޭލާއި، އިރާނާއި ދެމެދު ހިނގި ފިނި ހަނގުރާމައަށް ފަހު މިހާރު އެމެރިކާއަށް ކުރަމުން ގެންދާ ދަތުރުގައި، ނަތަންޔާހޫ ވަނީ ޓްރަމްޕާ ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމުގައި ނަތަންޔާހޫ ވަނީ، ސުލްހައިގެ އިނާމަށް ޓްރަމްޕްގެ ނަން ކޮމިޓީއަށް ހުށަހަޅާފައިވާކަން އިއުލާންކޮށް، އެކަމާ ގުޅޭ ސިޓީއެއް ޓްރަމްޕަށް ދީފައެވެ.

މި ބައްދަލުވުމުގައި ޓްރަމްޕަށް ވަރަށް ބޮޑަށް ތައުރީފުކޮށް، ނަތަންޔާހޫ ވަނީ ދުނިޔޭގެ އެތައް ބަޔަކު ޓްރަމްޕްގެ ލީޑާޝިޕް ގަބޫލުކުރާކަން ހާމަކޮށްފައެވެ. އަދި މިހާރުވެސް ގައުމުތަކުގެ މެދުގައި ހަމަޖެހުން ގާއިމުކުރުމަށް، ޓްރަމްޕް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން ނަތަންޔާހޫ ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިސްރާއި އިތިއޮޕިއާގައި ސުލްހަ ގާއިމުކުރުމާ، އިޒްރޭލާއި، އަރަބި ގައުމުތަކުގެ ގުޅުން ގާއިމުކުރުމަށް އަބްރަހަމް އެކޯޑްސް ތަންފީޒުކުރުމަށް ޓްރަމްޕް ކޮށްފައިވާ މަސައްކަތްތަކަކީ ތައުރީފު ހައްގު މަސައްކަތެއްކަމުގައި ނަތަންޔާހޫ ވަނީ ބުނެފައެވެ.

ނަތަންޔާހޫގެ މި ދަތުރުގައި، މެދުއިރުމަތީގެ އެންވޯއީ ސްޓީވް ވިޓްކޯފް އާއި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ ބައްދަލުކޮށްފައެވެ. މީގެ އިތުރުން މި ދަތުރުގައި ވޮޝިންޓަންގައި ހުންނެވީ ނައިބު ރައީސް ޖޭޑީ ވެންސް އާއި އިސް އޮފިޝަލުންނާ ބައްދަލުކުރާނެއެވެ.