އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގެ ބަދަލު ހިފަން ޖެހިގެން އައި ދުވަހު އިޒްރޭލުން ފެށި އުދުވާނާއެކު ގާޒާގެ ކޮންޓްރޯލް ހަމާސް އަށް ގެއްލިފައި ވާ ކަމަށް ހަމާސްގެ ސެކިއުރިޓީ އޮފިޝަލަކު ބުނެފިއެވެ.
ނަން ހާމަ ނުކުރާ ގޮތަށް ބޯބީސީއަށް ފޮނުވި އޯޑިއޯ މެސެޖްތަކެއްގައި ލެފްޓިނަންޓް ކާނަލްގެ މަގާމުގައި ހުރި އެ އޮފިޝަލާ ހަވާލާދީ އެ ނޫހުން ބުނެފައި ވަނީ، މުޅި ގާޒާގެ ސެކިއުރިޓީ އާ ގުޅޭ އާލާތްތަކުގެ 95 ޕަސެންޓް ހަލާކުވެފައި ވާ ކަމަށާއި ލީޑަޝިޕްގައި ނަގާ ކިޔާ އެންމެންވެސް މަރުވެފައި ވާ ކަމަށެވެ.
އަދި މުޅި ގާޒާއަށް ބަލާނަމަ 80 ޕަސެންޓްގެ ކޮންޓްރޯލް ހަމާސް އަށް ގެއްލިފައި ވާ ކަމަށާއި، އެ ހާލަތުގައި އޮތް އިރު އިޒްރޭލަށް ހަމަލާތައް ހުއްޓާ ނުލެވެންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ
ބީބީސީއަށް މައުލޫމާތު ދިން އޮފިސަރު ވަނީ އިޒްރޭލުން ހަމަލާތައް ފެށި ފުރަތަމަ ހަފްތާގައި ބޮޑު އަނިޔާއެއް ލިބި ހަނގުރާމައިގެ މައިދާނުން ނިކުމެފައެވެ.
އޭނާއާ ހަވާލާދީ ބީބީސީން އިތުރަށް ބުނެފައި ވަނީ، ގާޒާގައި އިޒްރޭލު ސިފައިންނާ ދެކޮޅަށް މިހާރު ހަމަލާއެއް ދޭ ނަމަ އެކަން ކުރަމުން ދަނީ، ހުސްކަން ފޮރުވުމަށް ކަމަށާއި، ގާޒާގައި ހަމާސްގެ އެއްވެސް ބާރެއް މިހާރު ނެތް ކަމަށެވެ.
އޭނާގެ ވާހަކައަށް ބާރު ލިބޭ ވާހަކައެއް އިޒްރޭލުގެ ޑިފެންސް މިނިސްޓަރުވެސް މީގެ ކުރިން ބުނެފައި ވެއެވެ. އޭނާ ބުނެފައި ވަނީ، ގުޅިގެން ހިންގާ އަސްކަރީ ޓީމެއްގެ ގޮތުގައި ހަމާސް އޮތް އޮތުން ނިމުމަކަށް ގެނެވިފައި ވާ ކަމަށާއި ގާޒާގެ ތެރޭގައި ހަރަކާތްތެރިވަނީ ހަތިޔާރުއެޅި ހަމާސްގެ ވަކިވަކި މުޖާހިދުން ކަމަށެވެ. އަދި އެމީހުން ހަރަކާތްތެރިވަނީ ގެރިއްލާ ހަނގުރާމަ ކުރާ އުސޫލުން ކަމަށް ވެސް ބުނެފައި ވެއެވެ.
އިތުރަށް އޭނާ ބުނީ، ކުރިން ހަމަލާތައް މެދުކަނޑާލައި އެ މުއްދަތު 57 ދުވަހަށް ދެމިގެން ދިޔަ އިރު ހަމާސް އަލުން އެކުލަވާލަން މަސައްކަތް ކޮށްފައި ވާ ކަމަށާއި އެގޮތުން ސިޔާސީ ގޮތްޕާއި، އަސްކަރީ ގޮފި އަދި ސަލާމަތީ ކަންމަކުގައި ހަރަކާތްތެރިވާ ގޮފި ވެސް އެކުވާން މަސައްކަތް ކޮށްފައި ވާ ކަމަށެވެ.
ނަމަވެސް އިޒްރޭލުން އަލުން ހަމަލާތައް ފަށާ، ސީދާ އެ އަމާޒުތަކަށް ހަމަލާދީ އެ އެންމެންވެސް ނައްތާލާފައި ވާ ކަމަށް އޭނާ ބުނެއެވެ.
އޭނާ ބުނީ މިހާރު ގާޒާގެ އެއްވެސް ތަނެއްގައި ހަމާސްގެ އެއްވެސް ބާރެއް އާރެއް ނޯންނާނެ ކަމަށާއި ހަމާސްގެ ދުވަސް ދުއްވާލާފައި ވާނެ ކަމަށެވެ. މިސާލު ދައްކަމުން އޭނާ ބުނީ، ގާޒާގައި ހަމާސް އިން ވެރިކަން ހިންގަން ބޭނުން ކުރި އެންމެ އާލާތްތައް ނުވަތަ ސަލާމަތީ ކަންކަމުގައި ބޭނުން ކުރި އާލާތްތައް އާންމުން ލޫޓުވާ ހަދާފައި ވާ ކަމަށެވެ. އެގޮތުން، އޮފީސްތަކާއި، އެމީހުން ނިދާ ކައިބޮއެ ހަދަން އުޅުނު ތަންތަނާއި ގޮދަޑި، ތެލިތަށި ފަދަ އެއްޗެއްހިވެސް ލޫޓުވައިގެން ގެންގޮސްފައި ވާ ކަމަށެވެ.
އޭނާ އެހެން ބުނެ ވާހަކަ ދައްކާފައި ވާ އިރު، މިހާރުވެސް ދޭތެރެ ދޭތެރެ އިން އިޒްރޭލު ސިފައިންނަށް އަމާޒު ކޮށް ގާޒާގެ ތެރޭގައި ހަމަލާ ދެއެވެ. އަދި ބައެއް މީހުން މަރާލާފައި ވެސް ވެއެވެ. މީގެ ދެހަފްތާއެއްގެ ކުރިން ހިނގި ހާދިސާއެއްގައި ވެސް އިޒްރޭލު ސިފައިންގެ ޓޭންކަކަށް ހަމަލާ ދީ 20 ސިފައިން މަރާލާފައި ވެއެވެ. މިކަން ކޮށްފައި ވަނީ ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތުން ކަމަށް ހަބަރުތައް ފެތުރިފައި ވެއެވެ.
ހަމާސް ނައްތާލުމުގެ ނަމުގައި ގާޒާ ފުނޑުފުނޑު ކޮށްލުމަށް އިޒްރޭލުން ހިންގާ ޖަރީމާގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ވަނީ ޝަހީދު ކޮށްލާފައެވެ. އެއީ އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އެ ބުނާ ހަމާސްގެ މެންބަރުންނެއް ނޫނެވެ.
މީވެސް ޣައްދާރެއްތާ. ތިޔަކަން އޮތީ ތިޔަހެން ނަމަ މިހާރު ޙަމާސް ޖަމާޢަތުން އިސްރާއީލަށް އަމާން ދީފީސް. ބަލަ މޮޔަޔާ، އެއް ލީޑަރަކު މަރުވާއިރަށް އަނެއް ލީޑަރަކު ހުންނާނެ. މިނިވަން ކަމުގެ ހަނގުރާމަ އަކީ މިނިވަންކަން ނުލިބެނީސް ނިމޭ ކަމެއްނޫން.