ރިބާއިން ދުރުހެލިވެ، ހަލާލުގޮތުގައި މާލީ މުއާމަލާތްތައް ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައި ވަނީ ހަލާލުގޮތުގައި މާލީ މުއާމަލާތްތައް ކުރުމުގެ މައްޗަށެވެ.
ބަވަނަވެފައިވާ ދުނިޔޭގެ މުޅި އިގުތިސޯދު ހުޅަނގުގެ ފަލްސަފާގެ މައްޗަށް ބިނާކުރެވިފައި އޮތްނަމަވެސް މާލީ މުއާމަލާތުތަކުގެ ތެރޭގައި ހިމެނޭ އިސްލާމްދީނުގައި ހަރާމްކުރައްވައިފައިވާ ކަންކަމުން ސަލާމަތްވާން ހުތުބާގައި ވަނީ ގޮވާލާފައެވެ. އެގޮތުން އިސްލާމީ އެކި ގައުމުތަކުގައި އިސްލާމީ ޝަރީއަތް ހުއްދަކުރާ ގޮތަށް ފައިސާ ރައްކާކުރުމާއި ފައިސާގެ މުއާމަލާތުތައް ހިންގޭނެ ބޭންކުތަކާއި މުއައްސަސާތައް ކާމިޔާބުކަމާއެކު ހިންގަން ފަށާފައިވާކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
އިސްލާމް ދީނުގައި ރިބާގެ ހުރިހާ މުއާމަލާތުތަކެއް ހަރާމްކުރައްވާފައިވާކަން ފާހަގަކޮށް ހުތުބާގައި ވަނީ އެއިން ލިބޭ ގެއްލުމުން ފަރުދުންނާއި މުޖުތަމައު ސަލާމަތްކުރަން ގޮވާލާފައެވެ. އަދި ރިބާ ކާމީހާ ފާފަވެރިވާ ފަދައިން، އެކަމުގައި ޝާމިލުވާ އެހެނިހެން މީހުން ވެސް ފާފަވެރިވާނެ ކަމަށާއި ފާފާގައި އެންމެންނަކީ ހަމަހަމަ ބައެއްކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
ރިބާގެ މުއާމަލާތްތަކުގައި ޝާމިލުވާ އެމްނެނަށް މާތް ﷲގެ ލައުނަތް ހުރިކަމަށް ނަބިއްޔާ އުންމަތަށް އިންޒާރުކުރައްވާފައިވާކަން ފާހަގަކޮށް ހުތުބާގައި ބުނީ ރިބާއަކީ މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރާ މެދު ހިތްހަމަނުޖެހި، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތިމައްޗަށް އިތުރުކުރުވާ ނުރައްކާތެރި ވަބާއެއް ކަމަށެވެ. އަދި އެއީ އުހުރަވީ ހަޔާތުގައި ވެސް ވޭންދެނިވި އަޒާބާ ކުރިމަތިލާން ޖެހޭނޭ ކަމެއް ކަމަށެވެ.
ރިބާއިން ދުރުހެލި ނުވާ ނަމަ، ﷲގެ ހަޟުރަތުންނާއި އެކަލާނގެ ރަސޫލާގެ ފަރާތްޕުޅުން ހަނގުރާމަ އިއުލާނުވެގެންވާކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ކެއުމުގައި ހަލާލު ތަކެތި ހޯދުމަށް އިސްކަންދޭފަދައިން ތަކެތި ގަތުމަށް ބޭނުންކުރާ ފައިސާއަކީ ވެސް ހަލާލު ގޮތުގައި ހޯދައިފައިވާ ފައިސާކަން ޔަގީން ކުރުމަށް ހުތުބާގައި ގޮވާލާފައިވެއެވެ. އަދި ހަލާލު ގޮތުގައި ހޯދާ ފައިސާ ހަލާލު ގޮތުގައި ރައްކާކުރުމަށް ވެސް ހުތުބާގައި ވަނީ ގޮވާލާފައެވެ.
ހުތުބާގައި ބުނީ މުޅި ދުނިޔެއަށް މިހާތަނަށް ކުރިމަތިވެފައިވާ އިގްތިސޯދީ ގިނަ ކާރިސާތައް މެދުވެރިވި ސަބަބަކަށް ވެފައި ވަނީ ރިބާގެ ނުރައްކާތެރި ވަބާގެ ސަބަބުން ކަމަށެވެ. އަދި ރިބާގެ ސަބަބުން އިގްތިސޯދީ ނަފާވެރިކަން މަދުބައެއްގެ އަތްމައްޗަށް ގޮސް، މުޅި މުޖުތަމައުގެ ތެރޭގައި އޮންނާންޖެހޭ އިގްތިސޯދީ އަދުލުވެރިކަން ނެތިކޮށްލާ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
އަޅުކަންކުރުމަށް އިސްކަންދޭ ފަދައިން، މާލީ މުއާމަލާތުތައް ވެސް ﷲގެ ރުހިވޮޑިގަތުން ލިބޭނޭ ގޮތަށް ބައްޓަންކުރުމަށް މަސައްކަތްކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އަދި ޝައްކާއި ވަހުމް އުފެދޭ މުއާމަލާތްތަކުން މަންފާ ލިބިގަތުމުގެ ބަދަލުގައި ޝައްކުކަމެއް ނެތް ހުއްދަ މުއާމަލާތުތަކަށް ރުޖޫއަވާން ވެސް ހުތުބާގައި ގޮވާލާފައިވެއެވެ.