ސިހުރުވެރިންގެ ގާތަށް ދިޔުމަކީ އީމާންކަން ގެއްލޭނެ ކަމެއް ކަމަށާއި އެފަދަ ކަންކަމުން ދުރުހެލިވުމަށް މިއަދުގެ ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ހުތުބާގައި، އަލި އަޅުވާލާފައި ވަނީ ސިހުރުހާހޫރައިގެ ނުބައިކަމުގެ މައްޗަށެވެ. އެގޮތުން ސިހުރުގެ ހަގީގަތާއި، އެއީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ ބޮޑުވެގެންވާ ފާފައެއްކަން ހަނދާންކޮށްދީ، އެފަދަ ކަންކަމުން ދުރުހެލިވުމަށް މުސްލިމުންނަށް ގޮވާލާފައެވެ.

ސިހުރުވެރިޔާގެ ނުބައިކަން ހާމަކޮށްދެމުން ހުތުބާގައި ފާހަގަކޮށްފައިވަނީ، ޝައިތާނާއަށް ކިޔަމަންވުމަށް އަހުދުކަށަވަރު ހިފައިގެން މެނުވީ އެއްވެސް މީހަކަށް ސިހުރުވެރިއަކަށް ނުވެވޭނެ ކަމަށެވެ. އެގޮތުން ޖުނުބުވެރިކަމުން ހިނައިނުގަނެ ދިގު މުއްދަތަކަށް ހުރުމަށާއި، ކުނިބުންޏާއި ނަޖިސް ތަންތަނުގައި ގިނަ ވަގުތު ހޭދަކުރުމަށް ޝައިތާނާ އޭނާއަށް އަމުރުކުރާ ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ކީރިތި ގުރްއާނަށް އިހާނެތިކޮށް ހިތުމަށާއި، ވުޟޫއާ ނުލައި ނަމާދުކުރުމަށާއި، ޖިންނި ޝައިތާނުންގެ ނަމުގައި ކަތިލުމަށް ވެސް އަމުރުކުރާ ކަމަށާއި، އިސްލާމްދީނުން ބޭރުވެގެން މެނުވީ ސިހުރުވެރިޔާއަށް އޭނާގެ ސިހުރު ފުރިހަމަ ނުކުރެވޭނެކަން ހުތުބާގައި އިންޒާރުދީފައިވެއެވެ. ސިހުރު ނުހެދި ނަމަވެސް، އެ އުނގެނި އުނގަންނައިދިނުމަކީ ވެސް މީހާ ކުފުރުވާވަރުގެ ބޮޑު ފާފައެއްކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ.

އެގޮތުން، ބައްޔެއް ވެގެން ނުވަތަ އަޖުމަބަލައިލުމުގެ ނިޔަތުގައި ނަމަވެސް ސިހުރުވެރިއެއް ނުވަތަ ކާހިނެއްގެ ގާތަށް ދިޔުމަކީ ނަހީކުރައްވާފައިވާ ކަމެއްކަމަށާއި ކާހިނެއްގެ ގާތަށް ގޮސް ކަމަކާ މެދު ސުވާލުކޮށްފި ނަމަ ސާޅީސް ދުވަސް ވަންދެން އޭނާގެ ނަމާދު ގަބޫލުނުކުރައްވާނެ ކަމަށާއި، އަދި އެފަދަ މީހަކު ބުނާ ބަހެއް ގަބޫލުކޮށްފި ނަމަ ކީރިތި ރަސޫލާގެ މައްޗަށް ބާވައިލެއްވުނު ތަކެއްޗަށް އޭނާ ކާފަރުވެއްޖެކަން ހަދީސްތަކުން ސާބިތުވާކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ.