ދިވެއްސަކު ރަހީނުކޮށް، އަނިޔާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ގެއެއްގައި މީހަކު ރަހީނުކޮށްގެން އުޅޭ ކަމުގެ މައްސަލައެއް އެ އިދާރާއަށް ލިބިފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި ފުލުހުން ކުރި މަސައްކަތުން އެ މީހާ މިއަދު ސަލާމަތް ކޮށްފައިވާއިރު އެއީ 44 އަހަރުގެ ދިވެއްސެއް ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރީ އިބްރާހިމް ސައީދު (48އ)، ސުވާސާގެ، ސ. ފޭދޫ އެވެ.

ފުލުހުން ބުނީ ރަހީނުކުރި މީހާ އަށް އަނިޔާ ކޮށްފައިވާ މީހާ އަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ހިއްސާކޮށްފައި ނުވެއެވެ.

ފުލުހުން ވަނީ މިއަދު ހެނދުނު މާލޭގެ އެހެން ގެއެއްގައި ރަހީނުކޮށްފައި ހުރި ބިދޭސީ ފިރިހެނަކު ވެސް ސަލާމަތްކޮށްފަ އެވެ. އެ މީހާއަށް ބޭރުފުށުން އަނިޔާއެއް ފެންނަން ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.