މޯލްޑިވްސް އިމިގްރޭޝަނުން ހުޅުމާލޭ ފޭސް 1 ގައި ހުންނަ 'ރަށު މާރުކޭޓު'ގައި ކުރިއަށް ގެންދިޔަ ރެއިޑެއްގައި 15 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އިމިގްރޭޝަނުން ބުނީ ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ޓާސްކް ފޯސްއިން އިއްޔެ ހަވީރު ހުޅުމާލެ ފޭސް 1 ގައި ހުންނަ "ރަށު މާރުކޭޓު" ގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
އެގޮތުން، މި އޮޕަރޭޝަނުގައި ޖުމްލަ 37 ފަރާތެއް ޗެކްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދިއަ 15 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ވަނީ ބުނެފައެވެ. މީގެ ތެރޭގައި 10 ފިރިހެނުންނާއި 05 އަންހެނަކު ހިމެނެއެވެ.
ރާއްޖޭގެ އާބާދީގެ 568،362 ގެ ތެރެއިން 182،696 އަކީ ބިދޭސީންކަމުގައިވާއިރު އިމިގްރޭޝަނުން ވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.