ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް"މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނ ޒޯން 2 ގެ ރ. އަތޮޅުގެ ރޫޓުތަކުން މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން އަގު ނަގަން ފަށާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ އަގު ނެގުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކަނޑައަޅާފައިވާ ރޭޓުތަކާއި އެއްގޮތަށް ކަަމަށެެވެ.
މީގެ އިތުރުން އެމްޓީސީސީން ބުނީ ކަސްޓަމަރުންނަށް މިއަދުން ފެށިގެން އެ ކުންފުނިން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް އާރްޓީއެލް ރ. އަތޮޅުގެ ރޫޓްތަކުގައި ދަތުރުކުރުމަށް ޓިކެޓް ނެގޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. އަދި ހިލޭ ދަތުރުކުރެވޭ މުއްދަތު ޖުލައި 2، 2025 ގެ ނިޔަލަށް ހަމަވުމާއެކު ރަށު ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލާނެކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
އިތުރަށް އެ ކުންފުނިން ބުނީ ރަސްމީކޮށް އަގުނަގައިގެން ހިދުމަތް ދޭން ފެށިނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދީންނާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީ ވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެކަމަށެވެ.
އެމްޓީސީސީ އަކީ ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނިކަން ފާހަގަކޮށްލެވެއެވެ. އެ ކުންފުނީގެ މަގްސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަ ކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުންކަން އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ.