ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މ. ބަހާރުވިލާ، ޔޫނުސް ހަލީލް އަބްދުﷲއެވެ.
ފުލުހުން ބުނީ މިރޭ 8:20 ހާއިރު ހުޅުމާލޭ ޖަވާހިރުމާ ހިނގުމުގައި ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓް ޖަހައިގެން ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މަގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް ފުލުހުން މަޑުކުރަން ބުނުމުން މަޑު ނުކޮށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ގޮސް ފުލުހެއްގެ ގައިގައި ޖައްސާފައިވާ ކަމަށެވެ.
ސައިކަލުން ޖެއްސުމުގެ ސަބަބުން ފުލުސް އޮފިސަރަށް އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި ޔޫނުސް ހަލީލް އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.