ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އެކިވަރުގެ އަނިޔާ ލިބިއްޖެއެވެ.
ފުލުހުން ބުނީ، ހުޅުމާލެ ހިތިގަސް މަގުން އުތުރަށް ދަތުރުކުރި ސައިކަލެއް، ވިނަރެސް 6 ފްލެޓް ކައިރިން އެކްސިޑެންޓް ވެފައިވާކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 8:03 އެހާކަންހާއިރު ކަމަށެވެ.
މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށާއި، ސައިކަލުގެ ފަހަތުގައި އިން މީހާއަށެވެ. ނަމަވެސް، ފުލުހުން އެ ސަރަހައްދަށް ދިޔައިރު މަގު ހުރަސްކުރި މީހާ ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.
ފުލުހުން މި ހާދިސާއާ ގުޅިގެން އިތުރަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލުގެ ކުރިމަތިން ކުއްލިއަކަށް ކުޑަކުއްޖަކު މަގު ހުރަސްކުރުމުންނެވެ. އެވަގުތު އެ ކުއްޖާގެ ގައިން ނެއްޓެން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލުން ނެއްޓި ވެއްޓުނީ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި ހާދިސާގައި ކުއްޖާގެ ގައިގައި ސައިކަލުން ޖެހިފައި ނުވާކަމަށް ވެސް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
