ހައްޖުވެރިންނަށް މަބްރޫރު ހައްޖަށް އެދިވަޑައިގަންނަވާ ކަމަށާއި މި ހައްޖު މޫސުމަކީ ދިވެހިންނަށް އެންމެ ރަނގަޅު އިންތިޒާމްތަތައް ހަމަޖެހިފައިވާ ހައްޖު މޫސުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުސަތު މިހާތަނަށް ލިބުނު 8 ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ، ވަރަށް ބޮޑު އުފަލެއް، އަދި ޝަރަފެއް ކަން ފާހަގަ ކުރައްވައި އެމަނިކުފާނު ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ދިވެހި ހައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ސައުދީ އަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށްފައެވެ. މި ހިދުމަތް ދިވެހިންނަށް ފަހިވެފައި ވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ އިރުޝާދުގެ ދަށުންނެވެ.

ރައީސް ވިދާޅުވީ، ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ފުރަތަމަ 235 ހައްޖުވެރީންނަށް ސައުދީ ސަރުކާރުން ކިޔާފައިވާ ހޫނު މަރްހަބާއާއި ފުރިހަމަ މެހެމާންދާރީފާހަގަ ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ހައްޖުވެރީން އެއާޕޯޓުގައި ގިނަ ވަގުތު މަޑު ކުރަން ނުޖެހި، ދަތުރު ފޮށި ތަންމަތި އަމިއްލައަށް އުފުލަން ނުޖެހި، ބޮޑެތި ލުއިތަކެއް ވަނީ ލިބިފައި ކަމަށެވެ. އިރާދަކުރެއްވިއްޔާ މި ފަހަރުގެ މުޅި ހައްޖު ދަތުރު ވެސް ދިވެހި ހައްޖާޖީންނަށް މިފަދަ އެތައް ލުޔެއް ލިބި، ހިދުމަތުގެ ފެންވަރު ވެސް ރަނގަޅު ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި ހައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ހައްޖު މޫސުމަށް ވާނެ ކަމަށާއި އުންމީދަކީ ކުރިމަގުގައި މިއަށް ވުރެ ވެސް ކަންކަން ފަހިވުން ކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހި ހައްޖުވެރީންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް މިއަހަރު ހޯދައިދެވޭތީ މާތްﷲގެ ޙަޟްރަތަށް ހަމްދުކުރާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ސައޫދީ ސަރުކާރަށް ޝުކުރު ދަންނަވަމުން ރައީސް ވަނީ ހިތްހަމަޖެހުމާއި، ދުޅަހެޔޮކަމާ އެކު، މަބްރޫރު ހައްޖެއް، ދިވެހި ހައްޖުވެރީންނަށް މާތްﷲ މިންވަރު ކުރެއްވުމަށް އދދި ދަންނަވާފައެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް ދާ ފުރަތަމަ ފުލައިޓު އިއްޔެ ފުރާފައިވާ އިރު އެ ފްލައިޓުގައި 234 ހައްޖުވެރިން ވަނީ ފުރާފައެވެ. އެއަށް ފަހު ދެވަނަ ފުލައިޓު މިއަދު ފުރާފައި ވާއިރު އެ ފުލައިޓުގައި 255 ހައްޖުވެރިން ދަތުރު ކޮށްފައި ވެއެވެ. ތިން ވަނަ ފުލައިޓު މި މަހުގެ 29 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާ އިރު އެ ފުލައިޓުގައި 250 ހައްޖުވެރިން ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ހައްޖުވެރިންގެ ފަހު ފުލައިޓު ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. އެ ފުލައިޓުގައި 250 ހައްޖުވެރިން ފުރާނެއެވެ.

ހައްޖަށް މިއަހަރު ރާއްޖެއިން ޖުމްލަ ހަތަރު ފްލައިޓު ފުރަނަ ހަމަޖެހިފައިވާ އިރު، ދެ ފްލައިޓަކީ މޯލްޑިވިއަން އިން ކުރާ ދަތުރުތަކެވެ. އެގޮތުން މިއަދު މޯލްޑިވިއަންގެ ފްލައިޓުން ފުރަތަމަ ދަތުރު ސައުދީއަށް ފުރާފައިވާ އިރު، މިއީ ތާޜީހީ ދުވަހެކެވެ. ރާއްޖޭގެ ގައުމީ އެއާލާއިންުން ކުރާ މިފަދަ މިއީ ފުރަތަމަ ދަތުރެވެ. މި އަހަރު ހައްޖަށް 1000 ގާތްކުރާ އަދަދަށް ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ އިރު، މޯލްޑިވިއަންގެ ފްލައިޓުން 50 ޕަސެންޓް ހައްޖުވެރިން ދަތުރު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.