އިންޑިއާގެ ގްރާންޓް އެސިސްޓަންސް ސްކީމް "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް"ގެ ތިންވަނަ ފިޔަވަހީ ގެ ދަށުން 13 މަޝްރޫއެއް ރާއްޖޭގައި ހިންގުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު 13 ފަހުމްނާމާ ގައި މިއަދު ސޮއި ކޮށްފިއެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިއަދު ކުރިއަށްގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގައި ފަހުމްނާމާތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އެވެ.
އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އެވެ. އަދި މި މަޝްރޫއުތަކުގެ ތަންފީޒީ ފަރާތުގެ ގޮތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން އެވެ.
މިއަދު ސޮއިކުރެވުނު ފަހުމްނާމާތަކުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ޖުމްލަ އަދަދަކީ 100 މިލިއަން ދިވެހި ރުފިޔާއެވެ. މި މަޝްރޫއުތަކަކީ ރާއްޖޭގެ ފެރީ ނިޒާމު ތަރައްގީކޮށް އެއްކޮށް މުޅި ރާއްޖެ ގުޅުވައި ނިންމަން އެހީއަކަށް ވެގެންދާނެ މުހިންމު މަޝްރޫއުތަކެއް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. ހަލީލް ވަނީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ މިފަދަ އެހީތަކަކީ، އަބަދުވެސް ފާހަގަކޮށްލެވޭ، ދިވެހި މުޖުތަމައުއަށް ފައިދާކުރަނިވި ދިވެހި ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް އަމާޒުކުރެވި، ދެ ގައުމުގެ ދެމެދުގައި އޮތް ހަރުދަނާ ގުޅުން ރަމްޒްކޮށްދޭ މިސާލެއްކަމުގައި ފާހަގަކުރައްވާފައެވެ. މި މަޝްރޫއުތަކަކީ މުޖުތަމައުގެ އުމްރާނީ ތަރައްގީއަށް ހައްލެއް ހޯދައިދީ، އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ދިގު މުއްދަތަކަށް ފައިދާލިބޭ ގޮތަށް އަމާޒުކުރެވިގެން ކަނޑައަޅާފައިވާ މަޝްރޫއުތަކެއް ކަމަށް ވެސް ހަލީލް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް ހަލީލް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އިންޑިއާ ސަރުކާރާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރައްވައި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު ދެ ގައުމުގެ ގުޅުން އިތުރަށް ކުރިއެރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައެވެ.
ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށެއް ގުޅާލާ، ހަލުވި ސްޕީޑް ފެރީގެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކޮށް މިނިސްޓަރު އަމީން ވިދާޅުވީ، މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ ސަބަބުން މި ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
"ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕެމެންޓް" ސްކީމްގެ ތިންވަނަ ފިޔަވަހި އިއުލާންކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރާއި އިންޑިއާ ހައިކޮމިޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.