1446 ވަނަ އަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާ ހައްޖުވެރިން ހައްޖަށް ފުރުމުގެ ކުރިން ސައުދީއަރަބިއްޔާގައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކަށް ހައްޖު މިޝަންގެ މެންބަރުން ފުރާވަޑައިގެންފިއެވެ.
ހައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ހާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާނީ ހައްޖު މިޝަންއިންނެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ ދިވެހި ހާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސައުދީގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް މި މިޝަންއިން ކުރަމުންދާ ކަމަށެވެ. ރާއްޖެއިން ހައްޖަށްދާ ހައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލާ ހައްޖު މިޝަންގައި އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނެއެވެ.
އެގޮތުން އިސްލާމިކް މިނިސްޓްރީގެ ހައްޖު ސެކްޝަންގެ ބޭފުޅުންނާއި ޙައްޖު ކޯޕަރޭޝަން ތަމްސީލް ކުރާ ބޭފުޅުންނާއި ދީނީ އިލްމުވެރިން އަދި ޑޮކްޓަރަކާއި މިނިސްޓްރީގެ މީޑިއާގެ އިތުރުން ޕަބްލިކް ސާވިސް މީޑިއާއާއިގެ ބޭފުޅެއް މިޝަންގައި ހިމެނޭކަން އިސްލާމިކް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.
މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ދިވެހިރާއްޖެއިން 1000 މީހުން ފުރުމަށްހަމަޖެހިފައި ވާއިރު، ފުރަތަމަ ގުރޫޕު ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.