މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑު މެންބަރުކަމާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު އައްޔަނުކޮށްފިއެވެ.
ފިރުޒުލް މި މަގާމަށް އައްޔަންކުރައްވާފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝަކީލް މަގާމުން އިސްތިއުފާ ދެއްވީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާ ގުޅިގެންނެވެ. އޭނާ އިއްޔެ ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް އައްޔަންކުރައްވާފައެވެ.
ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަގާމަށް އައްޔަނުކުރުމުގެ ކުރިން ފިރުޒުލް ހުންނެވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީގެ މަގާމުގައެވެ.
މީގެ އިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން އުފެއްދި އިންތިގާލީ މަރުހަލާގެ އޮފީހުގެ ތަރުޖަމާނުގެ މަގާމުވެސް ފިރުޒުލް ވަނީ ފުރުއްވާފައެވެ.
