ގދ. ތިނަދޫ ކޯލްޑް ސްޓޯރޭޖް އިމާރާތުގެ މަސައްކަތުގެ 48 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
މި ކޯލްޑް ސްޓޯރޭޖް ތަރައްގީ ކުރަމުންދަނީ ތިނަދޫ ސިޓީގައި މިހާރު ތަރައްގީކުރަމުން ދާ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައެވެ. އެގޮތުން އެމްޓީސީސީން ބުނީ އިދާރީ އިމާރާތުގެ މަސައްކަތުގެ 48 އިންސައްތަ މިހާރު ނިމިފައިވާކަމަށާއި، ކެމިކަލް އަދި ލޮނު ރައްކާކުރާ ފެސިލިޓީގެ މަސައްކަތުގެވެސް 52 އިންސައްތަ ނިމިފައިވާ ކަަމަށެވެ. މި ވަގުތު އެ ތަނުގެ ކޮންކްރީޓް، މެޝިނަރީ އަދި ޕްލާސްޓަރިންގެ މަސައްކަތް ކުރިއަށްދާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ސައުދީ ޑެވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)ގެ އެހީގައި ކުރިޔަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ 12 ޖުލައި 2023 ގައެވެ. މި މަޝްރޫއުގެ ދަށުން 4,790 އަކަފޫޓުގެ އިދާރީ އޮފީސް އިމާރާތެއް ގާއިމުކުރުމާއ،ި އެއް ފަންގިފިލާގެ 261 އަކަފޫޓުގެ ކެމިކަލް ރައްކާކުރާ ޢިމާރާތެއް ގާއިމުކުރުމާއ،ި އެއް ފަންގިފިލާގެ 266 އަކަފޫޓުގެ ލޮނު ރައްކާކުރާ އިމާރާތެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ތިނަދޫ ސިޓީގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް މި އަހަރަށް ނިންމާ މަސް ގަންނަން ފެށުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް މީގެކުރިން ވަނީ ވިދާޅުވެފައެވެ. ތިނަދޫ ސިޓީގެ މަސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ޝިޔާމް މިފަދައިން ވިދާޅުވެފައިވާއިރު، މި މަސައްކަތް އަވަސް ކުރުމަށް ކުރެވެން ހުރި މަސައްކަތެއް މިނިސްޓްރީން ކުރަމުންދާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.