ފެހި ގާނޫނުއަސާސީ ވުޖޫދުވިފަހުން ހުރިހާ ވެރިކަމެއްގައި ވެސް ކޯޓުތަކަށާއި ޝަރުއީ ދާއިރާއަށް އަތް ބާނަމުން ދިޔަ ކަމަށް، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫގު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު ވަކިކުރި މައްސަލައަށް ބަހުސްކުރައްވަމުން އަޒާން ވިދާޅުވީ، ސުޕްރީމް ކޯޓަކީ ދިވެހިރާއްޖޭގެ އިންސާފުގެ އެންމެ މަތީ މަރުހަލާ ކަމަށާއި، އެ ކޯޓުގައި ތިބެންވާނީ ނަޒާހާތްތެރި ފަނޑިޔާރުން ކަމަށެވެ.

އެހެންކަމުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން ވާނީ ގާނޫނާއި ގަވައިދުތަކާއި އިޖުރާއަތުތަކާ އެއްގޮތަށް ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިހާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ފަނޑިޔާރުންގެ މައްސަލަ ބަލައި ވަކިކުރަން ތަޅުމަށް ހުށަހަޅާފައިވަނީ އިޖުރާއަތުތަކާ މުޅިން އެއްގޮތަށް ނޫން ކަމުގައި އަޒާން ވިދާޅުވިއެވެ. އެ ނުކުތާގައި އޭނާ ވަނީ ފަނޑިޔާރުން ޖަވާބުދާރީވެވަޑައިގަތުމަށް ޖުޑީޝަރީ ކޮމިޓީން ފުރުސަތު ނުދިން ކަމާއި، ފަނޑިޔާރުން ޖަވާބުދާރީވެވަޑައިގަތުމަށް ފުރުސަތު ދިނުމަށް ބޭރުގެ ގާނޫނީ ޖަމިއްޔާ ޖަމާއަތްތަކުން ގޮވާލައި ނޫސްބަޔާން ނެރުނުކަން ފާހަގަކުރައްވައިފައެވެ.

"ޖޭއެސްސީން މައްސަލަ ބެލިއިރު ހުރިހާ އަޑުއެހުމެއް ސިއްރު، ޖުޑީޝަރީ ކޮމިޓީން އެ ރިޕޯޓު ދިރާސާކުރެއްވިއިރު ކޮމިޓީ ސިއްރު،" އަޒާން ވިދާޅުވިއެވެ.

އެއަށްފަހު ފަނޑިޔާރުން ޖަވާބުދާރީވެވަޑައިގަތުމަށް ފުރުސަތެއް ދިނުމަށް އޭނާ އެދިވަޑައިގަތެވެ.

ނަމަވެސް މަޖިލީހުން މިއަދު ނިންމީ ދެ ފަނޑިޔާރުން ވަކިކުރުމަށެވެ. އެގޮތުން އަޒްމިރާލްދާ އާއި މަހާޒް ވަކިކުރަން ފެންނަ ކަމަށް 68 މެންބަރަކު ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 11 މެންބަރަކު ވޯޓު ދެއްވިއެވެ.

މި ވޯޓުގައި އަޒާން ބައިވެރިވެވަޑައިގެންފައި ނުވެއެވެ. އަޒާންގެ އިތުރުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް ވޯޓު ދެއްވާފައި ނުވެއެވެ.