ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވޯޓަށް އަހާފައިވަނީ ދެ ފަނޑިޔާރުން ވަކިކުރުމަށް ވަކިވަކީންނެވެ. ދެ ފަނޑިޔާރުން ވަކިކުރުމަށް 68 މެންބަރަކު ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 11 މެންބަރަކު ވޯޓު ދެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުން މަހާޒާއި އަޒްމިރާލްދާ ވަކިކުރަން ފާސްކުރީ ދެ ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް އިހަށް މަޑުޖައްސާލުމަށް ގޮވާލާ ބޭރުގެ ގާނޫނީ ބައެއް ޖަމިއްޔާތަކުން ވެސް ނޫސް ބަޔާން ނެރެފައިވާ ދަނޑިވަޅެއްގައެވެ. ރާއްޖޭގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނުއަސާސީއަށް ގެނައި އިސްލާހެއް ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮއްވާ ފަނޑިޔާރުން ވަކިކުރަން ނިންމުމަކީ ނުފޫޒު ފޯރުވުން ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ބަލާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ލަފާދެއްވައިފައެވެ. އެކަމަކު ޖުޑީޝަރީ ކޮމިޓީން ވަނީ ޖޭއެސްސީން ދެ ފަނޑިޔާރުންގެ މައްސަލަ ބެލީ އިޖުރާއަތުތައް ފުރިހަމަކުރުމަށް ފަހުގައި ނިންމައިފައެވެ.

މި މައްސަލައިގައި ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވުމަށް ދެ ފަނޑިޔާރުން އެދިވަޑައިގެންފައިވީ ނަމަވެސް، ކޮމިޓީން ނިންމީ ދެ ފަނޑިޔާރުންނަށް އެ ފުރުސަތު ނުދިނުމަށެވެ. މި މައްސަލަ ނިންމި ކޮމިޓީގެ ބައްދަލުވުން ފަހުން ވަނީ ސިއްރުވެސް ކޮށްފައެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒު ވަކިކުރަން ޖޭއެސްސީން ނިންމީ، އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކުރުމުން ބަންދުން ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބު މެދުވެރިކޮށް މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް ޒިހުނީ އަށް ގުޅައި ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައެވެ. ޖޭއެސްސީން ނިންމީ އެ ތުހުމަތުތައް ދެ ފަނޑިޔާރުންގެ މައްޗަށް ވެސް ސާބިތުވާ ކަމަށެވެ.