ގާނޫނާ ގަވާއިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، ޖިނާއީ ކުށްކޮށްގެން ފައިސާ ހޯދާ، މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިންގި ބަންގްލަދޭޝް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޝަހާދަތު ހުސައިން (34އ)ގެ މައްޗަށެވެ. ކޯޓު އަމުރެއްގެ ދަށުން ޝަހާދަތު ހައްޔަރުކޮށްފައި ވާއިރު، އަދިވެސް އޭނާ ހުރީ ފުލުހުންގެ ބަންދުގައެވެ.

ފުލުހުން ބުނީ ޖުމްލަ 4 ވޯކް ޕާމިޓެއްގައި ޝަހާދަތު 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އުޅެފައިވާ ކަމަށެވެ. އަދި 2019 ވަނަ އަހަރު ޝަހާދަތު ހުސައިން އޭނާގެ ނަމުގައި ބީއެމްއެލްގައި ޖުމްލަ 6 އެކައުންޓް ހުޅުވާފައިވާކަން ފުލުހުން ފާހަގަކުރެއެވެ. އެއީ ދިވެހި ރުފިޔާގެ 3 އެކައުންޓާއި ޔޫއެސް ޑޮލަރުގެ 3 އެކައުންޓްއެވެ.

ޝަހާދަތު ހުސައިން އެންމެފަހުން ވޯކް ޕާމިޓް ބަދަލުކޮށްފައިވާ ކުންފުނީގެ ވަޒީފާއަކީ އޮފީސް ބޯއީ ކަމަށްވީ ނަމަވެސް އޭނާގެ ވަޒީފާ ހަމަޖެހުނު ކަމަށް ދީފައިވާ ލެޓާ އޮފް އެޕޮއިންމެންޓްގައި އޭނާގެ މުސާރައަކީ 3،000 ޔޫއެސް ޑޮލަރު ކަމަށް ބަޔާންކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޝަހާދަތު ހުސައިންގެ ވޯކް ޕާމިޓް ފީ ޖުލައި 27، 2024ގެ ނިޔަލަށް ހަމަވެފައިވާ ކަމަށް ނުވަތަ ފީ ނުދެއްކުމުގެ ސަބަބުން ވޯކް ޕާމިޓް ސްޓޭޓަސް އެކްސްޕެއާ ވެފައިވާކަން އެކްސްޕަޓްސް ސިސްޓަމްއިން އެގޭކަން ފުލުހުންގެ ތަހުގީގު ވަނީ ހާމަވެފައެވެ. ޝަހާދަތު ހުސައިން މާލޭގައި އުޅެފައި ވަނީ 18،000 ރުފިޔާއަށް 2 ކޮޓަރީގެ އެޕާޓްމެންޓްއެއް ކުއްޔަށް ނަގައިގެންކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ބުނީ ޝަހާދަތު ހުސައިން ގެންގުޅޭ މޯބައިލް ފޯން އަދި ލެޕްޓޮޕުން އެކި ކުންފުނިތަކުގެ ސްޓޭމްޕް، ރަޖިސްޓްރީ، ލޯގޯ، ބިދޭސީން ހިމެނޭ ގޮތަށް އެކި މީހުންގެ ސޮއި، ވާކް ޕާމިޓް ކޯޓާ ނެގުމަށް ބޭނުންވާ ލިޔެކިޔުންތައް، ބިދޭސީންގެ ޕާސްޕޯޓް ކޮޕީ، ބައެއް ދިވެހިންގެ އައިޑީ ކާޑު ފޮޓޯ އަދި ވޯކް ޕާމިޓް ސައިޓްތަކަށް ވަދެފައިވާ ކަމުގެ ވެބް ހިސްޓްރީ ފެނިފައިވާ ކަމަށެވެ.

ޝަހާދަތު ހުސައިން ފޯނު އަދި ލެޕްޓޮޕުން އެކްސްޕަޓްސް ސިސްޓަމްއަށް ލޮގިން ކުރުމަށް ބޭނުން ކުރާ ގިނަ އަދަދެއްގެ އެކައުންޓް ފެނިފައިވާކަން ފުލުހުން ފާހަގަކުރެއެވެ.

އެކައުންޓްތަކުގެ މައުލޫމާތަށް ބަލާއިރު:

  • އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ ނަމުގައި 153 އެކައުންޓްގެ އައިޑީ، ޕާސްވޯޑްއާއެކު
  • ފޮރިން ކޮމްޕެނީތަކުގެ ނަމުގައި 7 އެކައުންޓްގެ އައިޑީ، ޕާސްވޯޑާއެކު
  • ޕްރައިވެޓް ލިމިޓެޑް ކޮމްޕެނީތަކުގެ ނަމުގައި 283 އެކައުންޓްގެ އައިޑީ، ޕާސްވޯޑާއެކު
  • އެކިއެކި އަމިއްލަ ފަރާތްތަކުގެ ނަމުގައި 126 އެކައުންޓްގެ އައިޑީ، ޕާސްވޯޑާއެކު،
  • ޕާޓްނާޝިޕްތަކުގެ ނަމުގައި އެކްސްޕަޓްސް ސިސްޓަމްގައި ރިލޭޝަން ގާއިމްކޮށްފައިވާ 5 އެކައުންޓްގެ އައިޑީ، ޕާސްވޯޑާއެކު

އެކްސްޕަޓްސް ސިސްޓަމްގައި ގާއިމްކޮށްފައި ހުރި ޔޫސާ އައިޑީ ޕާސްވޯޑްތަކުގެ އިތުރުން ބައެއް ފަރާތްތަކުގެ އީފާސް އެކައުންޓްތަކުގެ ލޮގިން ކްރެޑެންޝިއަލްތައް ފެނިފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ އެއީ ޝަހާދަތު ހުސައިން އަމިއްލައަށް ހޯދާ ނުވަތަ ކްރިއޭޓްކޮށްފައިވާ އައިޑީތަކެއް ކަމަށް ތަހުގީގަށް ނުބެލެވޭ ކަމަށެވެ.

ފުލުހުން ބުނީ ޝަަހާދަތު ހުސައިންގެ އެކައުންޓްތަކުގެ ފައިނޭންޝިއަލް އެނަލިސިސްއެއް ހެދި އިރު، 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް އޭނާގެ ބޭންކް އެކައުންތަކަށް 8 މިލިއަން ދިވެހި ރުފިޔާއަށްވުރެ ގިނަ ފައިސާ ޖަމާވެ އަދި ދައުރުކޮށްފައިވާކަން އެނގޭ ކަމަށެވެ. އަދި ބިދޭސީންގެ ވޯކް ވިސާ ފީ ޑިޕޮސިޓް ފައިސާ ދެއްކުމަށް ޝަހާދަތު ހުސައިންގެ އަމިއްލަ އެކައުންޓުން އެކްސްޕަޓް ޕޯޓަލްގެ ތެރެއިން 1،069،556 ރުފިޔާ ދައްކާފައިވާކަން ފުލުހުން ފާހަގަކުރެއެވެ.

ޝަހާދަތު ހުސައިންގެ މި މަސައްކަތްތަކުގެ ފަހަތުގައި އިމިގްރޭޝަންގައި މަސައްކަތްކުރާ ބަޔަކާއި ދިވެހިންގެ އާންމު އެތައް ބަޔަކު ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާއަށް ގުޅިގެން ކުންފުނިތަކުގެ ކޯޓާ ނަގައި، ބިދޭސީން އެތެރެކޮށް އެ ބިދޭސީންނަށް ވަޒީފާއެއް ނުދީ މާލެ ތެރެއަށް ދޫކޮށްލާ އޯޕަން ކޯޓާގެ ނަމުގައި މާލީ މަންފާ ހޯދާ ކަމަށް ބެލެވޭކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

ފުލުހުން ބުނީ ޝަހާދަތު ހުސައިންގެ ފޯނުން ސައްހަ ނޫން ވޯކް ޕާމިޓްއާ ގުޅޭ ލިޔެކިޔުންތައް ހެދުމަށްފަހު ބިދޭސީންނަށް ފޮނުވާ، ބަންގްލަދޭޝްގައި ހުޅުވާފައި ހުރި އެކައުންޓަކަށް ފައިސާ ޖަމާކުރުވާކަން ހޯދިފައިވާ ކަމަށެވެ.

ޝަހާދަތު ހުސައިން މި މަސައްކަތް ކުރަމުންދަނީ ދިވެހިންގެ ގިނަ ބަޔަކާއި އިމިގްރޭޝަންގައި މަސައްކަތްކުރާ ބަޔަކާ ގުޅިގެންކަން އޭނާގެ ފޯނު ފެނިފައިވާ ޗެޓް ލޮގްތަކާއި ލިޔެކިޔުންތަކުން އެނގުމާއެކު އިމިގްރޭޝަންގެ ބަޔާއި ދިވެހި އާންމުންގެ މައްސަލަ ވަކި އެހެން މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.