ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރަށް ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ ގެންދަން އުޅުނު މައްސަލާގައި ހައްޔަރުކުރި 6 ބިދޭސީންގެ މައްޗަށް މަނީލޯންޑްރިންގެ ތުހުމަތުކޮށް 10 ދުވަހަށް ބަންދުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރަޖިބު، މުހައްމަދު މައިނުއްދީން ސަލާހު، މުހައްމަދު އަބްދުﷲ، އެމްޑީ މޮހިއްދީން ޗޯދްރީ، އަޖްގޮރު މިރިދާ، އަދި އެމްޑީ ޝާހިން މިއާހްއެވެ.
މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޖްގޮރް ކޯޓުގައި ބުނީ، އޭނާ އެއާޕޯޓަށް ދިޔައީ ތިން އަހަރު ފަހުން ގައުމަށް ދިޔުމަށް ކަމަށެވެ. އަދި އޭނާއަކީ ރަށެއްގައި 7،000 ރުފިޔާގެ މުސާރައެއްގެ ވަޒީފާގައި އުޅޭ މީހެއް ކަމަށެވެ. ބޭރު ފައިސާތަކެއް ފެނުނު ލަގެޖަކީ އެއާޕޯޓުން ދިމާވި ރާޖިބުގެ އެއްޗެއް ކަމަށާއި ބަރުވާތީ އޭނާއާ އެކު ޗެކިންވީ ކަމަށް އަޖްގޮރް ބުނެފައިވެއެވެ.
ރާޖިބަކީ ދަންނަ ވެސް މީހެއް ނޫން ކަމަށް އޭނާ ބުނެފައިވާއިރު ރާޖިބު ބުނެފައިވަނީ އޭނާ އެ ލަގެޖާ ހަވާލުވީ އަޖްގޮރު ބުނެގެން ކަމަށެވެ. އަދި އެކަމަށް ފައިސާ ވެސް ދޭނެ ކަމަށް އަޖްގޮރު ބުނި ކަމަށް ރާޖިބު ވަނީ ކޯޓުގައި ބުނެފައެވެ. ޝާހިން ވެސް ބުނީ އެއާޕޯޓަށް އޭނާ ދިޔައީ އަޖްގޮރު ދިން ޕާރްސަލެއް މީހަކާ ހަވާލުކުރަން ކަމަށެވެ.
ފުލުހުން މި 6 މީހުންގެ މައްޗަށްވެސް މަނީލޯންޑްރިންގެ ތުހުމަތުކޮށްފައިވާއިރު، އެ މީހުންގެ އަތުން 174,161 ޔޫއެސް ޑޮލަރާއި 56,760 ޔޫރޯ އާއި 1،815 ސްޓާލިން ޕައުންޑް ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ފެނިފައިވެއެވެ.
