ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެން ޕީއެންއެފް ޖަލްސާއެއްގައި މި ސަރުކާރަށް ފާޑުކިޔަމުން ނޫސްވެރިއަކަށް ފުރައްސާރަ ކޮށްފިއެވެ.
ރޭ ކުރިއަށް ދިޔަ މި ޖަލްސާގައި ވަނީ ރައިސް ޑރ. މުހައްމަދު މުއިއްޒު ދިގު މުއްދަތަކަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރެއްވި ކަމާ ގުޅުވާ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން ޕީއެންއެފް ޖަލްސާތައް ކުރިއަށް ގެންދާ އިރު ޕޯޑިއަމަށް އަރާ ވާހަކަ ދައްކަވާ ބޭފުޅަކަށް ސުވާލު ކުރުމަށް އޯޑިއަންސަށް ހުޅުވާލައެވެ.
އެގޮތުން ރޭގެ ޖަލްސާގައި އޯޑިއަންސްގައި އިން ޕީއެންއެފްގެ އެކްޓިވިސްޓް އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ވަނީ ނޫސްވެރިއަކަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައެެވެ. އަދި ވައްޑެއް ދައްކަމުން ދިޔަ ވާހަކަތަކަށް ސުވާލު އުފައްދަވާ ޑރ. މުހައްމަދު ޖަމީލް އާއި ރައީސް ޔާމީން ވެސް އިތުރު ސުވާލު އުފައްދަވާފައި ވެއެެވެ.
ވައްޑެ ދެއްކި ވާހަކައިގައި ރައީސް މުއިއްޒު އެތައް ދުވަހަކަށް ފަހު ނޫސްވެރިންނާ ބައްދަލު ނުކުރެއްވި ސަބަބު ހާމަކުރުމުގެ ގޮތުން ބުނެފައި ވަނީ ސަންގްޓީވީގައި މަސައްކަތް ކުރާ އަންހެން ނޫސްވެރިއެއް ކަމަށް ވާ ފާތިމަތު މަދަދާ ފިޔަވާ ދެން ތިބި ނޫސްވެރިންނަށް ރައިސް މުއިއްޒު އުޅުއްވީ ފިއްލަވައިގެން ކަމަށެވެ.
މިހާ ހިސާބުން ރައީސް ޔާމީން ވަނީ މަދަދާ އަކީ މިފަދަ ހުރިހާ ޖަލްސާތައް ކަވަރު ކުރައްވަން ގެންދަވާ ހާއްސަ ފަރާތެއްތޯ އާއި ރަށްރަށަށް ވަޑައިގަންވަނާ ހަފްލާތައް ވެސް ކަވަރު ކުރައްވަން މަދަދާ ގެންދަވަނީތޯ އައްސަވާ ސުވާލު އުފައްދަވާފައެެވެ. ރައީސް ޔާމީން މިހެން އެއްސެވުމުން ވައްޑެ ބުނެފައި ވަނީ ރައީސް މުއިއްޒު ގަބޫލުފުޅު ކުރައްވާ ގޮތުގައި މަދަދާ ކަވަރު ކުރީމަ ހުރިހާ ނޫސްވެރިންނަށް ކަވަރު ކުރެވުނީ ކަމަށެެވެ.
އެއަށްފަހު ޑރ. މުހައްމަދު ޖަމީލް ވަނީ މަދަދާގެ ހެދުން އެޅުމުގެ ވައްޓަފާޅިއަކީ ޝެއިހް ލަތީފް އެޕްރޫވް ކުރައްވައިގެން ހެދުން އަޅާ ގޮތްތޯ އައްސަވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ވައްޑެ ބުނީ، ޑްރެސް ކޯޑް އެޕްރޫވް ކުރިހެން ހީނުވާ ކަމަށެވެ. ނަމަވެސް އެޕްރޫވް ނުކުރާ ނަމަ އެފަދައިން ހެދުން އަޅައިގެން ދާ ހުރިހާ ތަނަކަށް މަދަދާ ނުދާނެ ކަމަށެވެ.
ސަރުކާރަށް ފާޑު ކިއުމުގެ ތެރެއިން ނޫސްވެރިއަކަށް މިގޮތަށް ފުރައްސާރަ ކޮށްފައި އޮތް ނަމަވެސް އަދި މިކަމާ ގުޅިގެން އެއްވެސް ކަމާ ގުޅޭ މުއައްސަސާއަކުން ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މިކަމާ ގުޅުވާ ބައެއް އާންމު ފަރާތްތަކުން އަންނަނީ ސިޔާސީ ފަރާތްތަކުން އެކަކު އަނެކަކުގެ އަބުރު ކަތިލުމަށް ކުރާ މަސައްކަތުގެ ތެރެއިން މައުސޫމް އެތައް ބައެއްގެ އަބުރަށް ވެސް އަރައިގަންނަ ކަމަށާއި މިއީ ފިޔަވަޅު އަޅަން ޖެހޭ ކަންކަން ކަމަށް ބުނެފައެެވެ.