ކްރިމިނަލް ކޯޓުގެ އަމުރަކާ ހިލާފުވެގެން ޖަލު ހުކުމެއް އިއްވި 'އަދަދު' ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު މިއަދު މިނިވަންވެއްޖެ އެވެ.
ލީވާން އަށް ޖަލު ހުކުމެއް އިއްވާފައި ވަނީ އަދަދު ނޫހުން އުފެއްދި "އައިޝާ" ޑޮކިޔުމެންޓްރީގެ ވާހަކަދެއްކުން ހުއްޓުވުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅޭ ހަބަރެއް ލިޔުނު މައްސަލައިގައެވެ.
ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ކަނޑައަޅައި ލީވާންގެ މައްޗަށް 10 ދުވަހުގެ ޖަލު ހުކުމެއް އިއްވީ މި މަހުގެ 12ގަ އެވެ. އެ މުއްދަތު މިއަދަށް ހަމަވުމާއެކު އޭނާ ވަނީ މިނިވަންވެފައެވެ. މި އަމުރާ ހިލާފުވެގެން، އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާންގެ މައްޗަށް ވެސް ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.
ޝަހުޒާނަށް ފިޔަވަޅު އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުންނެވެ. އެ ސުވާލާ ގުޅިގެން އޭނާ ވަނީ ނޫސްވެރިންގެ ބައްދަލުވުމުން ނެރެފައެވެ. އަދި އޭގެ ފަހުން ރައީސް އޮފީހުން ބާއްވާ އެއްވެސް ނޫސްވެރިންގެ ބައްދަލުވުމަކަށް 'އަދަދު' ނޫހަށް ނުވަދެވޭނެ ގޮތަށް ވަނީ މަނާކޮށްފައެވެ.
މި މައްސަލައިގެ ތުހުމަތުގައި 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި ހަސަން މުހައްމަދުގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ. ހަމަ އެހެންމެ މި މައްސަލައިގައި ތުހުމަތުގައި ފިޔާޒާއި ހަސަންގެ ޕާސްޕޯޓު ވެސް ވަނީ ހިފަަހައްޓާފަައެވެ.
