ވަކި ފަންނަކަށް ނިސްބަތްވީތީ، ގާނޫނާ ހިލާފުވެގެން އަޅާ ފިޔަވަޅުތަކުން ވަކި ބަޔަކު އިސްތިސްނާކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ތަރުޖަމާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި "ޕްރެސަރ ވިތު ދަ ސްޕޮކްސް" ސިލްސިލާގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ނޫސްވެރިން ސުވާލު އަމާޒުކޮށްފައިވަނީ، 10 މޭ 2026 ގައި ކްރިމިނަލް ކޯޓުން ނެރުނު، ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލުނުކުރުމަށް އަންގައި ކުރި އަމުރާ ގުޅިގެންނެވެ. އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ތަރުޖަމާނު ވިދާޅުވީ، ގާނޫނަކާ ހިލާފު ނުވާހާ ހިނދަކު، އެއްވެސް މުއައްސަސާއަކުން އެއްވެސް ފަރާތަކާ ދެކޮޅަށް ފިޔަވަޅެއް ނާޅާނެ ކަމަށެވެ.

ނަމަވެސް، ހުރިހާ ފަންނެއްގެ ބޭފުޅުންނަށްވެސް އެބޭފުޅެއްގެ ފަންނުގެ ތެރެއިން ލިބިވަޑައިގަންނަވާ ހައްގުތަކާއި، އިހުތިޔާރުތަކާއި، ބާރުތަކުގެ އިތުރުން ޒިންމާތަކެއްވެސް ހުންނާނޭކަން ހަނދުމަކޮށް ދެއްވިއެވެ. އަދި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރައުޔަކީ ކޯޓުން ނެރޭ އަމުރުތަކަށް ފުރިހަމައަށް އިހުތިރާމްކުރުން ކަމުގައިވެސް ވިދާޅުވިއެވެ.

ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްކަން ފާހަގަކުރައްވައި، ތަރުޖަމާނު ވިދާޅުވީ އަދުލުއިންސާފުގެ ނިޒާމު ކުޑައިމީސްވާނޭ ގޮތަށް ނުވަތަ އެ ބޭފުޅުންގެ ގާނޫނީ ބާރުތައް ހަނިވާގޮތަށް މި ސަރުކާރުން އަމަލު ނުކުރައްވާނޭ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ ޕްރެސް ކޮންފަރަންސްތަކުގެ އުސޫލުތައް އެ އޮފީހުން ކަށަވަރުކުރި ނަމަވެސް، ކޯޓު އަމުރުތައް ތަންފީޒުކުރާނީ ކަމާގުޅޭ ތަންފީޒީ އިދާރާތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ކްރިމިނަލް ކޯޓުގެ އަމުރާ ގުޅިގެން އެއްވެސް އޮޅުމެއް އޮތްނަމަ، އެކަން ސާފުކުރަން އޮންނަ އިޖުރާއަތުގެ ތެރެއިން ހުށަހަޅައިގެން ކުރިއަށް ދިއުމަށް ތަރުޖަމާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައި ވަނީ މާޗް މަހުގެ 28 ވަނަ ދުވަހު އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެންނެވެ. ކޯޓުން ނެރެފައިވާ 'ގެގް އޯޑަރު' ނުވަތަ އެ މައްސަލައާ ގުޅޭގޮތުން އެއްވެސް މިންވަރަކަށް ވާހަކަދެއްކުން މަނާކުރާ އަމުރާ އަދަދު ނޫހުގެ ދެ ނޫސްވެރިއަކު ހިލާފުވި މައްސަލައެއް ފެންމަތިވެ އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް، އަދި ލީވާން އަލީ ނަސީރު 10 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ މި މަހުގެ 12 ވަނަ ދުވަހު ހުކުމްކޮށްފައެވެ. އަދި އެ ހުކުމާ ދެކޮލަށް އަޑު އުފުލާ ރޭ ވަނީ މާލެގެ މަގުތަކަށް އެމްޑީޕީ އާއި ޕީއެންއެފްގެ ސަޕޯޓަރުން ނިކުމެ މުޒާހަރާކޮށްފައެވެ.