މަރުކަޒީ ބޭންކު އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް އައިޝަތު އަސްނާ ހަމްދީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. އަސްނާގެ ނަން ދިރާސާކޮށް އޭނާ އާ އިންޓަވިއުކުރުމަށް ފަހު މާލިއްޔަތު ކޮމިޓީން ނިންމީ އަސްނާ އައްޔަންކުރަން ފެންނަ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަންކުރަން ފެންނަ ކަމަށް، ވޯޓުގައި ބައިވެރިވި 73 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.

މަރުކަޒީ ބޭންކުގައި ހިދުމަތްކުރައްވާތާ 17 އަހަރު ވެފައިވާ އަސްނާ މިވަގުތު ހުންނެވީ އެ އިދާރާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އަސްނާ ހަވާލުވެ ހުންނަވަނީ އެމްއެމްއޭގެ ފައިނޭންޝަލް ސެކްޓާ ސެކްޝަނާއެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހްމަދު އިމާދު މާޗް މަހުގެ މެދުތެރޭ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މީޑިއާ އާ ހިއްސާކުރެއްވި ބަޔާނެއްގައި އިމާދު ވިދާޅުވީ، އޭނާ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން އިސްތިއުފާ ދެއްވަނީ ހުޅުމާލޭގައި ފައިނޭންޝަލް ސެންޓަރެއް އެޅުމަށް ކަމަށް ބުނެ، ބިމެއް ގަތުމަށް އެމްއެމްއޭ އިން ނިންމި ނިންމުމަކީ އޭނާގެ ނަޒަރުގައި އެ ތަނުގެ އަސާސީ މަގްސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުމަކަށް ނުވާތީ ކަމަށެވެ.