އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލި 3.9 ޕަސެންޓާއި 6.8 ޕަސެންޓާ ދެމެދަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްތަރު ހަސަން ޒަރީރު އަންދާޒާ ކުރައްވައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، 2027 ވަނަ އަހަރަށާއި، އަދި މެދުރާސްތާއަށް ފިސްކަލް ސިޔާސަތުތައް ބައްޓަން ކުރާނީ، ރާއްޖޭގެ އިގްތިސޯދީ އޮއިވަރު ހިނގާގޮތާއި، ފިސްކަލް ހާލަތަށް ފުންކޮށް ބަލައި ދިރާސާ ކުރުމަށް ފަހުކަމަށެވެ. އެގިތުން ހުށަހަޅާ ބަޖެޓުގައި އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލި ހުންނާނެ ގޮތް ވަނީ އަންދާޒާ ކޮށްފައެވެ.

ދުނިޔޭގެ އިގްތިސޯދަށް ނަޒަރު ހިންގާއިރު، ކުރިއަށް އޮތް އަހަރު ދުނިޔޭގެ އިގްތިސޯދީ ދުވެލި ހުންނާނެ ކަމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ލަފާކުރަނީ، 3.4 ޕަސެންޓުގައި ކަމަށް ޒަރީރު ވިދާޅުވިއެވެ. 2025 ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލި 6.3 ޕަސެންޓުގައި ހުރިއިރު، ލަފާކޮށްފައި ވަނީ މިއަހަރަށް އެ އަދަދު 5.3 ޕަސެންޓުގައި ހުންނާނެ ކަމަށެވެ.

ނަމަވެސް މި އަހަރު ކުރިމަތިލާން ޖެހުނު އިގްތިސޯދީ ގޮންޖެހުންތަކުގެ ސަބަބުން ގައުމުގެ އިގްތިސޯދީ ދުވެލި ބޮޑުތަނުން ދަށްވެ، 2026 ވަނަ އަހަރުގެ އެ އަދަދު ހުންނާނެ ކަމަށް ލަފާކުރެވެނީ 0.6 ޕަސެންޓާއި 1.8 ޕަސެންޓާ ދެމެދުގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އެހެންނަމަވެސް ހަނގުރާމައިގެ ކުރީގެ ހާލަތަށް ރުޖޫއަވެ، 2027 ވަނަ އަހަރު އިގްތިސޯދީ ދުވެލި 3.9 އިންސައްތައާއި 6.8 އިންސައްތައާ ދެމެދުގެ ހަލުވިމިނެއްގައި ކުރިއަރައިގެންދާނެ ކަމަށް އަންދާޒާކުރެވޭ. އަދި އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓު 1.0 ޕަސެންޓުގައި ހުންނާނެކަމަށް ބެލެވޭ." މިނިސްޓަރު ވިދާޅުވިއެވެ.

2027 ވަނަ އަހަރަށް ހުށަހެޅި ބަޖެޓަކީ އިގްތިސޯދީ ހަމަޖެހުމާއި، ދައުލަތުގެ މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށާއި، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ އިންވެސްޓުމަންޓުތަކަށް އިސްކަންދީގެން، ގައުމީ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެކުލަވާލާފައިވާ ބަޖެޓެއްކަމަށް ޒަރީރު ވިދާޅުވެއެވެ. މި ބަޖެޓުގައި ހިމަނާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ ބިންގާ ވަރުގަދަވެ، އާންމު ހިދުމަތްތައް ފުޅާވެ، ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފުރުސަތުތައް އިތުރު ވެގެންދާނެކަމަށް ޒަރީރު ވިދާޅުވިއެވެ.