ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ ދައުރު ހަމަވާން ދޮޅު އަހަރަށް ވުމުން ގޮނޑި ހުސްވެއްޖެ ނަމަ ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތް ހެދުމަށް ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުން ބުނީ، މި އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ ލޯކަލް ކައުންސިލްތަކުގެ އުމުރުގެ ތެރޭގައި ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް ތަކުރާރުވަމުން ދާތީ ގިނަ އަދަދަކަށް ބައި-އިލެކްޝަން ބާއްވަން ޖެހުމުގެ ސަބަބުން ބައި-އިލެކްޝަންތަކަށް ކުރަން ޖެހޭ ހަރަދު އިތުރުވަމުން ދިއުމާ ގުޅިގެންނެވެ.

އެހެންކަމުން މި އިސްލާހު ފާސްވެ ގާނޫނަކަށް ވެއްޖެ ނަމަ، ކައުންސިލެއްގެ ރައީސެއް ނުވަތަ ކައުންސިލަރެއް ނުވަތަ އަންހެނުންގެ ކޮމިޓީއެއްގެ މެންބަރެއްގެ ގޮނޑި ހުސްވިއިރު އެ ކައުންސިލެއް ނުވަތަ ކޮމިޓީއެއްގެ މުއްދަތުގައި އޮތީ ދޮޅު އަހަރު (548 ދުވަސް) ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއް ކަމުގައިވާ ނަމަ، އެ ހުސްވި ގޮނޑިއަށް ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުން އިންތިހާބެއް ނުކުރެވޭނެއެވެ.

މިދިޔަ އަހަރު ސަރުކާރުން ހަމަ މި ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން، ހުސްވެފައިވާ ކައުންސިލަރުންގެ ގޮނޑިތަކަށް އާ ކައުންސިލަރުން އިންތިހާބުކުުރުމަށާއި، އަންހެނުންގެ ކޮމިޓީތަކުން ހުސްވާ މެންބަރުންގެ މަގާމުތަކަށް އާ މެންބަރުން އިންތިހާބުކުރުމަށް ބައި-އިލެކްޝަންތައް ބޭއްވޭނީ އަހަރަކު ދެ ފަހަރެވެ.