ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ހިފްޒު ކްލާސްތަކުން މި އަހަރު ޖާގަލިބޭނީ 200 ދަރިވަރުންނަށްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ކީރިތި ޤުރުއާން ހިތުދަސްކޮށްދޭ ކްލާސްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ޤުރުއާނާބެހޭ ގައުމީ މަރުކަޒުން ހުޅުވާލީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.
މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ހިފްޒު ކްލާސްތަކަށް މި އަހަރު ވަނުމަށް 600 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލާފައިވާ ކަމަށެވެ. އެހެންނަމަވެސް މި އަހަރުގެ ހިފްޒު ކްލާސްތަކުގައި ޖާގަ ލިބޭނީ 200 ދަރިވަރުންނަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ މި ފުރުސަތު ދެވޭނީ އެންމެ މޮޅު ދަރިވަރުންނަށް ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ޤުރުއާން ހިތުދަސްކޮށްދިނުމުގެ މަސައްކަތް ފުޅާކޮށް، މިކަމަށް ހާއްސަ ޕްރޮގްރާމެއް އަތޮޅު ތެރެއަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށްވެސް ނިންމާފައެވެ. އެގޮތުން މި ޕްރޮގްރާމް ހިންގާ ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫ، ބ. އޭދަފުށި، ދ. ކުޑަހުވަދޫ، އއ. ފެރިދޫ، ރ. އުނގުފާރު، ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ސ. ހިތަދޫ އަދި ލ. ގަން ހިމެނެއެވެ.
މީގެއިތުރުން، ޤުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްތަކާއި، ޤުރުއާން މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ރަށްތަކުގައިވެސް މި ޕްރޮގްރާމް ފެށުމަށް ވަނީ ނިންމާފައެވެ.