މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ވަރުގަދަ ފިޔަވަޅު ކަމަށާއި އެކަން ކާމިޔާބު ކުރުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގައި ސިޔާސީ އިދިކޮޅު ފަރާތްތަކުން ވެސް ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަސައްކަތުގެ ތާވަލެއް އެކުލަވާ ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހާއްސަ ސަމިޓް ރަސްމީ ގޮތެއްގައި ރައީސް އިފްތިތާހް ކޮށްދެއްވީ ރޭގައެވެ. ކުރިއަށް އޮތް ދެ ދުވަހުގެ ނިޔަލަށް ބާސެލޯ ނަސަންދުރާގައި ކުރިއަށްދާ މި ސަމިޓަކީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށްގެންދާ މުހިންމު ސަމިޓެކެވެ.

ނަމަވެސް ބައެއް އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫއުއާ ދޭތެރޭ ސުވާލު އުފައްދަމުންނެވެ. އެގޮތުން ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އެކްްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ "މޯލްޑިވްސް 2.0" އަކީ އިލެކްޓްރޯނިކް ވޯޓިން ތައާރަފްކުރުމަށް ކުރާ ކަމެއް ގޮތުގައި ސިފަކުރައްވާފައެވެ.

އެއާއެކު ރައީސް މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށާއި މިއީ ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މައުލޫމާތު (ޑޭޓާ) ގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ނިޒާމު ކަމަށެވެ.

އަދި މިއީ ދެ ފުށް ފެންނަ އަވަސް، ލުއި ފަސޭހަ ހިދުމަތުގެ ފެންވަރު މަތީ ނިޒާމަކަށް ވާނެ ކަމަށާއި ކޮރަޕްޝަން މަދު ގައުމުތަކުގެ ލިސްޓުގައި ރާއްޖެ އެތައް ދަރަޖައެއް މަތިވެ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މިފަދަ ނިޒާމެއް ސަރުކާރުން އެކުލަވާލުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް އިދިކޮޅުން އެއްކަމުގެ އެއްބާރުލުން ނުދެނީ ކީއްވެގެންތޯ ރައީސް ސުވާލު އުފައްދަވާފައި ވެއެވެ. "ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟" ރައީސް ސުވާލު އުފެއްދެވިއެވެ.

އެފަދައިން އަމަލު ކުރުމުގެ ބަދަލުގައި އެ އަމާޒާށް ކުރަމުންދާ ދަތުރުގައި އިދިކޮޅުންވެސް ޒިންމާދާރުކަމާއެކު ބައިވެރިވެ ރައްޔިތުންނާއެކު ކުރިއަށް ދިއުމަށް ރައީސް ވަނީ ސިޔާސީ އިދިކިޅު ފަރާތްތަކަށް ގޮވާލައްވާފައެވެ.

ދިވެހިރާއްޖެ 2.0 އަކީ، ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށް ވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުން ކޮށްގެން ހިދުމަތް ފޯރުކޮށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތަސައްވުރެވެ. މިއީ ދައުލަތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އާންމު މައުލޫމާތާއި ދޭ ހިދުމަތްތައް ހަލުވި ކަމާއި އިތުބާރާއެކު ފޯރުކޮށްދީ، އިގްތިސޯދު ކުރިއެރުވުމަށްޓަކައި ހިދުމަތް ދެމުންދާ ނިޒާމު ބަދަލުކުރަށް ކަނޑައަޅުއްވާފައިވާ ތަސައްވުރެކެވެ.

ރައީސް ވަނީ 2040 ވަނަ އަހަރު އަންނަން ވާ އިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ބަދަލު ކުރެއްވުމުގެ އަމާޒެއް ގެންގުޅުއްވާ ކަމަށް ވެސް ވިދާޅުވެފައެވެ.