ސަރުކާރުގެ އިދާރާތަކުން މައުލޫމާތުތައް ނުލިބި، ހިދުމަތްތައް ދިގުލައިގެންދާ މައްސަލައަށް "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލް" ނުވަތަ ޑިޖިޓަލް ގަވަނަންސް ބިލުގެ ސަބަބުން ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
މި ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ސައުދުﷲ ފާހަގަކުރެއްވި ގޮތުގައި، މިހާރު ސަރުކާރުގެ އޮފީހަކުން މައުލޫމާތެއް ސާފުކުރަން ގުޅުމުން އެކަމާ ބެހޭ މުވައްޒަފު ސަލާމުގައި ނުވަތަ ޗުއްޓީއެއްގައި ހުރުމުގެ ސަބަބުން އެތައް ދުވަހެއް ވަންދެން ވާނުވާއެއް ނޭނގި އިންތިޒާރު ކުރަންޖެހޭ ކަމަށެވެ. ނަމަވެސް، އައު ޑިޖިޓަލް ނިޒާމާއެކު ވަކި މުވައްޒަފަކަށް ބަރޯސާވުމުގެ ބަދަލުގައި، ރައްޔިތުންނަށް ބޭނުންވާ މައުލޫމާތާއި ހިދުމަތްތައް ސީދާ ނިޒާމުގެ ތެރެއިން ފަސޭހަކަމާއެކު ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ބިލުގެ ދަށުން ދައުލަތުގެ ހުރިހާ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ސިޓިޒަން ޕޯޓަލެއް ގާއިމުކުރުމާއި، ޑިޖިޓަލް އައިޑެންޓިޓީ ބޭނުންކޮށްގެން ރައްކާތެރިކަމާއެކު މުއާމަލާތް ކުރެވޭނެ އޮނިގަނޑެއް އެކުލަވާލުން ބިލުން ލާޒިމުކުރާއިރު ސައުދުﷲ ވިދާޅުވީ މި ބިލުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަގްވާމީ މާކެޓްތަކަށް ވަނުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އަދި ދައުލަތުގެ ސިޔާދަތީ ބާރުވެރިކަން ހިފެހެއްޓުމަށާއި، ރައްޔިތުންގެ މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި "ސޮވްރިން ކްލައުޑް" ނިޒާމެއް ބިނާކުރުމަކީ އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
މިއަދުގެ ބަހުސްގައި އިދިކޮޅު އެމްޑީޕީ މެންބަރުންވަނީ މިއީ އީވޯޓިންއަށް މަގުފަހިކޮށް، ކުރިއަށް އޮތް އިންތިހާބުތަކުގައި ވޯޓުން ވައްކަން ކުރުމަށް ތައްޔާރުކޮށްފައިވާ ބިލެއްކަމަށް ތުހުމަތުކޮށްފައެވެ. މި ބިލާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކަށް ރައްދު ދެއްވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، މިއީ އީ ވޯޓިންގ ތައާރަފުކޮށް ވޯޓު އޮޅުވާލުމަށް ހުށަހަޅާފައިވާ ބިލެއް ނޫން ކަމަށާއި، ބިލުގެ އެއްވެސް ތަނެއްގައި އެފަދަ ވާހަކައެއް ނެތް ކަމަށެވެ. އަދި ހިދުމަތްތައް ޑިޖިޓަލްކުރުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޕްރޮކިއުމަންޓް ފަދަ ނިޒާމުތަކުގެ ތެރެއިން ހިންގާ ވައްކަމާއި ކޮރަޕްޝަން ހުއްޓުވުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
