"މޯލްޑިވްސް 2.0" އާއެކު ކުދި ވިޔަފާރިތަކަށް މާލީގޮތުން ބޭނުންވާ އެހީތެރިކަން ލިބުމުގެ މަގު ފަހިކޮށްދީ ދުނިޔޭގެ ބާޒާރުތަކާއި ގުޅާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހުގެ މުނާސަބާގައި ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކުދި ވިޔަފާރިތަކަކީ ރަށްރަށުގެ ކުރިއެމާއި ފުރުސަތުތައް ފަހިކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ރާއްޖޭގެ އިގްތިސާދުގެ ބާރު ކަމަށެވެ.

އަދި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގައި އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރާ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، މާލީ އެހީތެރިކަމާއި އެކި ބާޒާރުތައް އެ ފަންތިތަކުގެ ވިޔަފާރިތަކަށް ފަހިކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން މޯލްޑިވްސް 2.0 އާއެކު ކުދި ވިޔަފާރިތަކަށް މާލީގޮތުން ބޭނުންވާ އެހީތެރިކަން ލިބުމުގެ މަގު ފަހިކޮށްދީ ދުނިޔޭގެ ބާޒާރުތަކާއި ގުޅާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެހެންމެ މި މަސައްކަތުގައި ކަލްޗުރަލް ސެންޓަރުތަކާއި ކްރިއޭޓަރ ހަބް އަދި އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގ އިން މުހިއްމު ދައިރެއް އަދާކުރާނެ ކަމަށާއި، ބައިނަލްއަޤްވާމީ ބާޒާރުތަކަށް ވަނުމަށް އަލިބާބާ އަދި ޕޭޕަލްގެ ޚިދުމަތް ފަހިކޮށްދީ ކުދި ވިޔަފާރިތައް އިތުރު ކުރިއެރުވުމަށް މަގުފަހިކޮށްދެމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މިއަހަރާއި އަންނަ އަހަރަކީ ކުދި ވިޔަފާރިތައް ކުރިއެރުވުމުގެ އަހަރުތައް ކަމުގައި ކަނޑައަޅުއްވާފައިވާއިރު، މި ދާއިރާތައް ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

"މޯލްޑިވްސް 2.0 އަކީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ މަޝްރޫއެކެވެ. މިއީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން އިފްތިތާހް ކޮށްފައިވާ ޕްރޮގްރާމެކެވެ. އަދި ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށް އޮތް 3 އަހަރަށް މި މަޝްރޫއު ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ސަބަބުން ސަރުކާރު މިހާރަށްވުރެ "ސްމާޓް"ކޮށް ހަލުވި ހިދުމަތް ދިނުމަށާއި ކޮރަޕްޝަން ނައްތާލައި ދެފުށް ފެންނަގޮތަށް ޓެކްނޮލޮޖީގެ އެހީގައި ހިންގުން ބަދަލުކުރުމަށް މަގުފަހިވެގެންދާނެއެވެ.