ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން އަކަށް ދިއުމަށް މި ކުރާ މަސައްކަތުގައި އެންމެ މައިގަނޑު މަގްސަދަކީ މި ގައުމުން ކޮރަޕްޝަންގެ ވަބާ ނައްތާލުން ކަމަށާއި ގައުމު ހިންގުމުގެ ނިޒާމު ބަދަލުނުކޮށް މި ވަބާއިން ސަލާމަތް ވެވެން ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެ 2.0 ސަމިޓް އިފްތިތާހް ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މިދިޔަ އަހަރު ޔޫއެންގެ ޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް އަލިއަޅުއްވާލައްވާފައެވެ. އެ ގޮތުން 2040 ވަނަ އަހަރު އަންނަން ވާ އިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ބަދަލު ކުރެއްވުމުގެ އަމާޒެއް ގެންގުޅުއްވާ ކަމަށް އޭރު ރައީސް ވަނީ ވިދާޅުވެފައެވެ. އެ ވާހަކަފުޅު ތަކުރާރު ކުރައްވަމުން ރައީސް ވިދާޅުވީ، އެއީ ކުރާ އުންމީދު ކަމަށާއި އަޒުމް ކަމަށެވެ.

އެ ރާސްތާއަށް ދިއުމަށް ބަލާ އިރު މި ގައުމުގައި ތަރައްގީ ކުރަން ޖެހޭ އަދި ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަ ހުރި ކަމަށާއި އިޖާދުކުރަން ޖެހޭ ކަންކަން ވެސް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ގައުމުގައި ހުރި މައްސަލަަތައް ވެސް ހައްލު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި ނުރަނގަޅު އާދަތައް ރަނގަޅު ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ހުރި މައްސަލަތަކަށް ބަލާއިރު އެންމެ ބޮޑު އެއް މައްސަލައަކީ ކޮރަޕްޝަންގެ ވަބާ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ދެބަސް ނުވެވޭނެ ހަގީގަތެއް ކަމަށާއި، ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ތެރޭގައި ނިޒާމުގެ ތެރޭގައި ވެސް މި ވަބާ އެބައޮތް ކަމަށާއި މި ވަބާ އޮތީ ހަމައެކަނި ރާއްޖޭގައި ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް އެންމެ ފުރިހަމައަށް ދޭން ބަލާ އިރު މި ވަބާ މަދު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ގައުމުގެ ނިޒާމު ބަދަލުނުކޮށް ކޮރަޕްޝަން އިން ސަލާމަތް ވެވޭކަށް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. އިންސާނުން އޭގެ ޒާތުގައި ކަންކަން ކުރާ އިރު ބާރެއް ލިބިފައިވާ ނަމަ އެ ބާރުގެ ބޭނުން ހިފައި ވަރަށް ގިނަ މީހުންނަށް އަމިއްލަ ނަފްސު އިސް ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. މިފަދަ ކަންކަމުގެ ސަބަބުން ކޮރަޕްޝަން އިތުރުވެގެން ދާ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އަމިއްލަ އަށް ކުރާ ކަންކަން މަދު ކުރެވުމުން ކޮރަޕްޝަން ނެތިގެންދާ މިންވަރު އިތުރުވާނެ ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ޑިޖިޓަލައިޒް ކުރެވި އިންސާނުން އަމިއްލަ ބާރުގެ ބޭނުން ހިފަން އޮންނަ ފުރުސަތު ކުޑަކުރެވިގެން ދިއުމަކީ ކޮރަޕްޝަންގެ ވަބާއަށް އޮތް ހައްލު ކަމަށް ރައީސް ވިދާޅުވިއެވެ.

"ޑިޖިޓަލައިޒޭޝަންގެ ތެރެއިން ކޮރަޕްޝަން ނައްތާލެވޭނެ. ވަރަށް ބޮޑުތަނުން އަޅުގަނޑުމެންގެ މި ގައުމު ކޮރަޕްޝަންގެ ވަބާއިން ސަލާމަތް ވެވޭނެ. ހިދުމަތް ދިނުމުގައި އެކި އެކި އޮފީސްތަކުގައި މި ނިޒާމް ގާއިމް ކުރެވިގެން ދިއުމުން ވަރަށް ބޮޑަށް ދެފުށް ފެނިގެން ދާނެ."
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މި ގައުމަކީ ތަރައްގީ ވެފައިވާ ގައުމަކަށް ހަދަން ބޭނުންވާ ނަމަ މި ކަމުގައި އެންމެ އެކީ އަތު ގުޅާލައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ރަސްމިއްޔާތުގައި ދައުލަތުގެ ތިން ބާރު ބައިވެރިވެވަޑައިގަތުމަކީ އުފާފުޅު ކުރައްވާ ކަމެއް ކަން ފާހަގަކޮށް ގައުމު ހިންގުމުގެ ނިޒާމް ޑިޖިޓަލައިޒް ނުކޮށް ކޮރަޕްޝަނުން ސަލާމަތް ވެވެން ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މުޅި ދުނިޔެއަށް ބަލާލާއިރު، ޑިޖިޓަލައިޒް ވެފައިވާ ގައުމަކީ އެސްޓޯނިއާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އެ ގައުމަކީ ކޮރަޕްޝަން ނައްތާލުމުގައި އިންޑެކްސްގައި އެންމެ ކުރީގައި އޮތް އެއް ގައުމުކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ. އެ ގައުމުގެ އެންމެންގެ ވެސް އަޒުމަކީ ކޮރަޕްޝަން ނައްތާލުން ކަމަށާއި ޑިޖިޓަލައިވެ ކޮށްފައިވާ މަސައްކަތުން އެ ނަތީޖާ ފެނިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ގައުމަށް މި ބަދަލުތައް ގެނައުމަށް 25 ވަރަކަށް އަހަރު ހޭދަވި ކަމަށާއި ރާއްޖޭގައި ވެސް މި ވަގުތު ވެސް ބޭންކްތަކާއި ބައެއް މުއައްސަސާތަކުން ދޭ ހިދުމަތްތައް ހުރީ ޑިޖިޓަލައިޒް ވެފައި ކަން ރައީސް ވިދާޅުވިއެވެ. ނަމަވެސް ވަކިވަކިން އޮތުމުގެ ބަދަލުގައި މި ހުރިހާ ތަނެއް ވެސް އެއް ވިއުގައަކުން އައިސް ރައް2ޔިތުންންށް ހިދުމަތްތައ ްފަސޭހައިން ލިބޭނެ ނިޒާމަކަށް ދާން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތުގައި ރާއްޖެއަށް އެސްޓޯނިއާއިން ދޭ އެއްބާރުލުން ފާހަގަކުރައްވައި އެ ގައުމުގެ ރައީސް އަދި ސަރުކާރަށް ހާއްސަ ޝުކުރެއް ވަނީ އަދާ ކުރައްވާފައެވެ.