ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަސައްކަތުގެ ތާވަލެއް އެކުލަވާ ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހާއްސަ ސަމިޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހް ކޮށްދެއްވައިފިއެވެ.

ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓް ރައީސް އިފްތިތާހުކޮށް ދެއްވާފައި ވަނީ ބާސެލޯނާ ނަސަންދުރާގައި މިހާރު ކުރިއަށްދާ ހާއްސަ ރަސްމިއްޔާތުގައެވެ. ކުރިއަށް އޮތް ދެ ދުވަހު މި ސަމިޓް ކުރިއަށް ދާނީ ވެސް ބާސެލޯނާ ނަސަންދުރާގައެވެ

ދިވެހިރާއްޖެ 2.0 އަކީ، ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށް ވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުން ކޮށްގެން ހިދުމަތް ފޯރުކޮށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތަސައްވުރެވެ. މިއީ ދައުލަތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އާންމު މައުލޫމާތާއި ދޭ ހިދުމަތްތައް ހަލުވި ކަމާއި އިތުބާރާއެކު ފޯރުކޮށްދީ، އިގްތިސޯދު ކުރިއެރުވުމަށްޓަކައި ހިދުމަތް ދެމުންދާ ނިޒާމު ބަދަލުކުރަށް ކަނޑައަޅުއްވާފައިވާ ތަސައްވުރެކެވެ.

ޑިޖިޓަލް ވަސީލަތްތަކުން ރާއްޖެއަށް ގެންނަން އުޅޭ ބަދަލު ބައްޓަންކޮށް، ފަރުމާކޮށްފައި ވަނީ ރައްޔިތުންގެ މަންފާ އާއި ލާބައަށްޓަކައި ރައްޔިތުންގެ ބައިވެރިވުމާއެކު، ދެފުށް ފެންނަ ހާމަކަން ބޮޑުގޮތެއްގައި މުއައްސަސާތައް ޖަވާބުދާރީ ކުރުވައި ޒިންމާދާރު ކުރެވޭނެ ގޮތަކަށެވެ. އަދި ސިވެހިރާއްޖެ 2.0 އާ އެކު ރާއްޖޭގައި ހިންގާ ކޮރަޕްޝަންތައް ވެސް މަދު ކުރެވޭނެ ކަމަށް ރައިސް ވަނީ ވިދާޅުވެފައެވެ.

ބާސެލޯ ނަސަންދުރާގައި ކުރިއަށް ގެންދާ މި ސަމިޓުގައި، އެކި އިދާރާތަކާއި މުއައްސާސަތަކުން 200 މަންދޫބުން ބައިވެރިވާނެއެވެ. މީގެތެރެއިން 50 މަންދޫބުންނަކީ އަމިއްލަ ފަރާތްތައް ތަމްސީލް ކުރާ މަންދޫބުންނެވެ. މިސަމިޓުގައި އެސްޓޯނިއާގެ ތަޖުރިބާކާރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ސަމިޓުގައި އެކި އިދާރާތަކުން 10 ކަރުދާހެއް ހުށަހަޅާނެއެވެ. މިކަރުދާސްތަކުގައި އިދާރާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވައި ދިމާވާ ގޮންޖެހުންތައް ހިއްސާ ކުރާނެއެވެ. އަދި ސަމިޓުގެ ތެރެއިން 40 ޑިސްކަޝަން ސެޝަން ކުރިއަށް ގެންދާނެއެވެ.