ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު މި މަހު ކުރުކޮށްލައި، އަންނަ ރަމަޟާން މަހު މަޖިލީހުގެ މެންބަރުން ޗުއްޓީއަށް ދާން ހުށަހެޅި އިސްލާހު ފާސްކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފިއެވެ.
އިއްޔެގެ ޖަލްސާގައި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވީ ފުރަތަމަ ދައުރުގެ ފެށުން ޖެނުއަރީ މަހަށް އަވަސްކޮށް ދައުރު ކުރުކޮށްލުމަށެވެ. އަދި ދެވަނަ ދައުރު އޭޕްރިލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް، ތިންވަނަ ދައުރު ސެޕްޓެމްބަރު މަހުން ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިޔަށް ގެންދާ ގޮތަށް ހެދުމަށް ހުށަހެޅުއްވިއެވެ.
މި އިސްލާހު ތަޅުމުން ފާސްވެއްޖެ ނަމަ، މި ފެށޭ ރަމަޟާން މަސް ނިމި، އޭޕްރިލް މަހުގައި ދެވަނަ ދައުރު ފަށަން ޖެހޭނެއެވެ. އެކަމަކު މާޗް މަހު ރަމަޟާން މަސް ނިމި އޭޕްރިލް މަހުގެ ފުރަތަމަ ހަފްތާ ފިތުރު އީދު ބަންދާ ދިމާވާތީ ބެލެވޭ ގޮތުގައި ދެވަނަ ދައުރުގެ ޖަލްސާތައް ފެށޭނީ އެ މަހުގެ ދެވަނަ ހަފުތާގައެވެ.
ކޮމިޓީން މި އިސްލާހު ފާސްކުރަން ނިންމީ ރިފާއު ހުށަހެޅުއްވި ގޮތަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތިއެވެ. މި އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އެކަންޏެވެ.
އިސްލާހަށް ރިއާޔަތްކޮށް ބައެއް މެންބަރުން ވަނީ އެގޮތަށް އަމަލުކުރުމުން ކޮންމެ އަހަރަކު ވަކިން އިސްލާހު ގެނެސް ރަމަޟާން މަހު މަޖިލިސް ޗުއްޓީއަށް ދާންޖެހޭނެތޯ ސުވާލު އުފައްދަވައިފައެވެ. ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، އިސްލާހު މިހާރު އޮތް ގޮތުން 20 ވަނަ މަޖިލިސް ނިމެންދެން މި ގަވައިދަށް އަމަލުކޮށްގެން ކޮންމެ ރަމަޟާން މަހަކު މަޖިލީހަށް ޗުއްޓީއަށް ދެވޭނެ ކަމަށެވެ.