ސާޅީސް ހާހަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ހުށަހަޅައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރުން ހުށަހަޅާފައިވަނީ ޕްރޮގްރެސިވް ޓެކްސްގެ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމަށް ކަމަށެވެ. އެއީ އާމްދަނީގެ ނިސްބަތަށް ބަލައި ޓެކްސް ނަގާ މިންވަރު ކަނޑައަޅާ ނިޒާމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އަންނަ އަހަރުގެ ތެރޭގައި އިންކަމް ޓެކްސް ނެގެން ފެށޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި އިންކަމް ޓެކްސްގެ ގޮތުގައި އަހަރެއްގެ މައްޗަށް ދައުލަތަށް 600 މިލިއަން ރުފިޔާ ލިބިގެންދާނެ ކަމަށް ވެސް ފިނޭންސުން ބުނެއެވެ.

ސަރުކާރުން ޕްރޮގްރެސިވް ޓެކްސްއެއް ނެގުމަށް ހުށަހެޅި ނަމަވެސް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ހުށަހަޅާފައި ވަނީ ރާއްޖޭގައި ޑުއަލް ޓެކުހުގެ ނިޒާމު ތައާރަފު ކުރުމަށެވެ. އަދި އާމްދަނީ 10،833 ރުފިޔާއަށްވުރެ މަތިން ލިބޭ ކަމަށް ވާނަމަ އިންކަމް ޓެކްސް ނެގުމަށް އެ އިދާރާއިން ލަފާ ދިން ނަމަވެސް ސަރުކާރުން ޕްރޮގްރެސިވް ޓެކުހެއް ތައާރަފު ކުރުމަށް ނިންމީ ރާއްޖޭގެ އިގްތިސޯދަށް ބެލުމަށްފަހު ކަމަށްވެސް ފިނޭންސުން ބުންޏެވެ.

ސަރުކާރުން އެގޮތަށް ހުށަހެޅި ނަމަވެސް 40،000 ރުފިޔާއާ ހަމައަށް އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކުހެއް ނުނަގާނެއެވެ. ނަމަވެސް 40،000އަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އާމްދަނީގެ 8 ޕަސެންޓު ނަގާނެއެވެ. އަދި 60،000 ރުފިޔާއާ 100،000 ރުފިޔާއާ ދެމެދުގެ އަދަދެއް އާމްދަނީގެ ގޮތުގައި ލިބޭ ފަރާތްތަކުގެ އަތުން އާމްދަނީގެ 10 ޕަސެންޓު ނަގާއިރު 100،000 ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ކޮންމެ ފަރާތެއްގެ އަތުން އާމްދަނީގެ 15 ޕަސެންޓު ޓެކުހުގެ ގޮތުގައި ނަގާނެއެވެ.

ފިނޭންސުން ބުނީ އިންކަމް ޓެކްސް ނަގާއިރު ރާއްޖޭގެ ވަޒަންވެރިންނަށާއި ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ އަތުންވެސް ޓެކްސް ނަގާނެ ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ވަޒަންވެރިވެފައިވާ ފަރާތްތަކުގެ އަތުން ޓެކްސް ނަގާނީ ރާއްޖެއިން އެ ފަރާތަކަށް ލިބޭ އާމްދަނީން އެކަނި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ސަރުކާރުން ބުނެފައިވަނީ ރައްޔިތުން މަޖިލީހުގެ މި ދައުރުގެ ތެރޭގައި އިންކަމް ޓެކްސްގެ ބިލު މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އިއްޔެ އެޓާނީ ޖެނެރަލް އޮފީހުގެ ފަރާތުން މީޑިއާތަކަށް ހިއްސާކުރި މައުލޫމާތުގައިވާ ގޮތުގައިވެސް ސަރުކާރުން ހުށަހަޅާ 34 ބިލުގެ ތެރެއިން އެންމެ ކުރީގައި އޮތީވެސް އާމްދަނީން ޓެކްސް ނެގުމުގެ ބިލެވެ.

މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު ވިދާޅުވީ ފަގީރުންނާއި މުއްސަނދިންގެ ފަރަގު ކުޑަ ކުރުމަށް އާމްދަނީން ނުވަތަ އިންކަމް ޓެކްސް ނަގާނެ ކަމަށެވެ.